2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި މުދަލު ޒަކާތުގެ ގޮތުގައި 45.3 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޒަކާތު ހައުސްއިން މިއަދު އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ ފުރަތަމަ ކުއާޓާގައި މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 45,329,118.85 ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި ލިބުނު 34,854,157.67 ރުފިޔާއާ އަޅާބަލާއިރު 30.1 އިންސައްތައިގެ ކުރިއެރުމެކެވެ.
ވޭތުވެދިޔަ ތިން އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މުދަލު ޒަކާތުގެ ގޮތުގައި ލިބޭ މިންވަރު ދަނީ އެއްވަރެއްގައި އިތުރުވަމުންނެވެ. އެގޮތުން 2024ވަނަ އަހަރު 23.56 މިލިއަން ރުފިޔާ ލިބިފައިވާއިރު، 2025ވަނަ އަހަރު މި އަދަދު ވަނީ 34.85 މިލިއަން ރުފިޔާއަށް އަރައިފައެވެ.
މި ކުއާޓަގެ 3 މަހަށް ވަކިން ބަލައިލާ އިރު، ކޮންމެ މަހަކު ވެސް މުދަލު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު އިތުރުވި ނަމަވެސް އެންމެ ގިނައިން ޒަކާތް ލިބިފައިވަނީ މާޗް މަހުއެވެ.
ޒަކާތު ހައުސްއިން މިއަދު އާންމުކުރި ރިޕޯޓުގައި، އިޖުތިމާއީ އަދި ދީނީ ކަންކަމަށް ޒަކާތު ފަންޑުން ފައިސާ ހޭދަކުރެވުނު ގޮތުގެ ތަފްސީލު ވެސް ވަނީ ހިމަނާފައެވެ. އެގޮތުން ބޭސްފަރުވާގެ އެހީއާއި، އަސާސީ ބޭނުންތަކާއި، ރަމަޟާން މަހުގެ އެހީއާއި، ގުރްއާން ހިތުދަސްކުރުމުގެ ޕްރޮގްރާމްތަކާއި، ތައުލީމީ އެހީގެ އިތުރުން އިޖުތިމާއީ ތަރައްގީގެ މަޝްރޫއުތަކަށް ޖުމުލަ 13,379,720.58 ރުފިޔާ ހޭދަކޮށްފައިވެއެވެ.
އެންމެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައިވާ ފަރާތްތަކަށެވެ. އެއީ ގާތްގަނޑަކަށް 6.69 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ފީސަބީލިﷲ ބަޔަށް 5.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ޒަކާތު އާމިލުންނަށް 815,000 ރުފިޔާ، އަދި އިބްނުއްސަބީލް ބަޔަށް 363,000 ރުފިޔާ ހޭދަކޮށްފައިވެއެވެ.
ޒަކާތުގެ ފައިސާ ދެމެހެއްޓެނިވި ގޮތެއްގައި އިތުރުކުރުމަށްޓަކައި، ޖުމްލަ 41,078,781.90 ރުފިޔާ އިންވެސްޓުކޮށްފައިވާކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ "ދާރުއްސަލާމް" އާއި "ދާރުލްއަރުގަމް" ވަގުފު އިމާރާތްތައް ތަރައްގީކުރުމުގެ މަޝްރޫއުތަކެވެ.
