ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީން ވަކިކޮށްފިނަމަ ނުވަތަ ވަކިވެއްޖެ ނަމަ މަޖިލީހުގެ މެންބަރުކަމުގެ ގޮނޑި ގެއްލޭނެ ގޮތަށް ގެނައި އިސްލާހަކީ ގާނޫނު އަސާސީގެ އޮނިގަނޑާ ހިލާފް އިސްލާހެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ން މަރުހަބާ ކިޔައިފި އެވެ.
އެކަމަށް މަރުހަބާ ކިޔާ އެ ޕާޓީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ސުޕްރީމް ކޯޓުގެ މިއަދުގެ ނިންމެވުމުގައި ފާހަގަކުރެއްވި މުހިއްމު ނުކުތާތަކުގެ ތެރޭގައި، އެންޓި-ޑިފެކްޝަން ނުވަތަ ޕާޓީ ބަދަލުކުރުން މަނާކުރުމުގެ އުސޫލަކީ ދުނިޔޭގެ ޑިމޮކްރެޓިކް ގައުމުތަކުގައި ތަންްފީޒުކުރެވޭ އުސޫލެއްކަމަށެވެ.
އެގޮތުން ދިވެހިރާއްޖެ ފަދަ ރިޔާސީ ނިޒާމުގެ މައްޗަށް ބިނާވެފައިވާ ގާނޫނުއަސާސީތަކަށް އަމަލުކުރަމުންދާ ގަައުމުތަކުގައިވެސް މިފަދަ އުސުލުތައް ތަަތުބީގުކުރަމުންދާކަން އަދި އެގައުމުތަކުގެ ގާނޫނު އަސާސީތަކުގައި އެ އުސޫލު އެކަށައަޅާފައި ހުރިކަމަށް އެ ޕާޓީން ބުންޏެވެ.
އަދި މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުން މަނާކުރުމުގެ އުސޫލަކީ ރައްޔިތުންގެ މަޖިލީހުގެ އިސްތިގުރާރު ނަގަހައްޓައި، ސިޔާސީ ޕާޓީތަކުގެ ނިޒާމު ހަރުދަނާކޮށްދޭނެ ކަމެއްގެ ގޮތުގައި ސުޕްރީމް ކޯޓުން ސިފަކުރައްވާފައިވާ ކަމަށާ އިތުރަށް އެ ނިންމެވުމުގައި ބަޔާންކޮށްފައިވަނީ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރެއްވުން މަނާކުރުމަކީ ގާނޫނުއަސސީން ކަށަވަރުކޮށްދޭ އެއްވެސް ހައްގަކަށް އުނިކަން ލިބޭނެ ކަމެއް ނޫން ކަން ޙުކުމްގައި ފާހަގަކޮށްފައިވާ ކަމަށް ކޮންގްރެސް ޕާޓީގެ ބަޔާނުގައިވެ އެވެ.
ހަމަ އެހެންމެ ޙުކުމުގައި ބުނެފައިވަނީ މަޖިލީހުގެ މެންބަަރުން ދައުރުގެ ތެރޭގައި މަޖިލީހުގެ މަގާމުގައި ތިއްބަވާނެ ގޮތުގެ އޮނިގަނޑު ގާނޫނުއަސާސީ ގައި ބަޔާންކޮށްފަައި އޮތް އޮތުމަށް ގެނެވުނު އިސްލާހަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިންތިހާބީ މެންޑޭޓުގެ އަސްލަަށް ބަދަލެއް އަދި އުނިކަމެއް ނާންނާނެކަން ކަށަވަރު ކޮށްދޭނެ އިސްލާހެއް ކަމަށް އެ ޕާޓީން ބުނެފައި ވެއެވެ.
އަދި މި ބަދަލުގެ ބޭނުމަކީ ގިނަ ޕާޓީ ބައިވެރިވާ ޑިމޮކްރެޓިކް ނިޒާމަަށް އަމަލުކުރަން ފެށިފަހުން ރާއްޖޭގެ ސިޔާސީ މައިދާނުން ފެންނަމުން އައި ނޭދެވޭ ކަންކަމުން އަރައިގަތުމަށް މަގުކޮށުން ކަމަށް ވެސް އެ ޕާޓީން ބުނެފައި ވެއެވެ. ހަމަ އެހެންމެ ކޮންގްރެސް ޕާޓީން ކުރިއަށް އޮތް ތަނުގައިވެސް ޢަމަލުކުރަމުންދާނީ ޑިމޮކްރަސީގެ އުސޫލުތަކާ އެއްގޮތަށް، ދިވެހިރާއްޖޭގެ ރައްޔިތުންނަށް އެންމެ ލާބަހުރި ގޮތަށްކަން ޔަގީންކޮށް އަރުވާ ކަމަށް ވެސް ބުނެފައިވެ އެވެ.
