އިންޑިއާގެ މުމްބާއީގެ ޕައިދޫނީ ސަރަހައްދުގައި ދިރިއުޅޭ އެއް އާއިލާއެއްގެ ހަތަރު މެންބަރުން، ރޭގަނޑުގެ ކެއުމަށްފަހު ކުއްލި ގޮތަކަށް މަރުވި މައްސަލަ ތަހުގީގުކުރަން ފަށައިފިއެވެ.
ބޭރުގެ ހަބަރުތައް ގެނެސްދޭ މިޑީއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 25 ވަނަ ދުވަހުގެ ރޭގައެވެ. މި ހާދިސާ ގައި މަރުވެފައިވަނީ އަބްދުﷲ ދޮކާޑިއާ (40އ)، އޭނާގެ އަނބިމީހާ ނަސްރީން ދޮކާޑިއާ (35އ)، އަދި އެ ދެމަފިރިންގެ ދެ އަންހެން ދަރިން ކަމަށްވާ އައިޝާ (16އ)، އާއި ޒައިނަބް (13އ) އެވެ.
މި ހާދިސާ ހިނގިރޭ އެ އާއިލާއިން ވަނީ ގާތްތިމާގެ މީހުންނަށް ދައުވަތުދީ ބޮޑު ކެއުމެއް ބާއްވާފައެވެ. ރިޕޯޓްތައް ބުނާ ގޮތުން އެންމެން އެކުގައި ބިރިޔާނީ ކެއުމަށްފަހު، ތިމާގެ މީހުން އެގެއިން ދިޔައީ ރޭގަނޑު 10:30 ހާއިރެވެ. އޭގެ ފަހުން ދަންވަރު 1:00 ހާއިރު އެ އާއިލާ އިން ކަރާ ކާފައިވާއިރު، ފަތިހު 4:30 ވަންދެން އެއްވެސް ކަހަލަ އުދަގުލެއް ދިމާވެގެން، އުޅުނު ކަމުގެ ރިޕޯޓެއް ލިބިފައި ނުވާކަމަށް ހާދިސާ ތަހުގީގުކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.
އެހެންނަމަވެސް ފަތިހު 5 ޖެހިއިރު، އާއިލާގެ މެންބަރުން ކުއްލިއަކަށް ބަލިވެ، ހޮޑުލުމާއި ބޮޑުކަމު ދިއުން ފަދަ އުނދަގޫތަކެއް ކުރިމަތިވިއެވެ. އަދި އެ އިމާރާތުގެ ހަތަރުވަނަ ފަންގިފިލާގައި ދިރިއުޅޭ ޑޮކްޓަރަކު އެހީތެރިކަމާއެކު އެންމެ ފުރަތަމަ އެމީހުން ގެންދިޔައީ އެތާ ކައިރީގައި ހުންނަ ސައްބޫ ސިއްދީގު ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ޒައިނަބް މަރުވެފައިވާއިރު އާއިލާގެ ބާކީ 3 މެންބަރުން މަރުވީ އިތުރު ފަރުވާއަށް ޖޭޖޭ ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ.
ފުލުހުން މިހާރު ވަނީ މި މައްސަލަ "އެކްސިޑެންޓަލް ޑެތު" އެއްގެ ގޮތުގައި ރަޖިސްޓްރީކޮށް ތަހުގީގު ފަށާފައެވެ. ފުލުހުން ބުނީ މި ހާދިސާގައި މަރުވި މީހުންގެ ހަށިގަނޑުންނާ، އެމީހުން ކެއި ކާނާއިން ސާމްޕަލް ނަގައި، ފޮރެންސިކް ތަހުލީލުތަކަށް ފޮނުވާފައިވާ ކަމަށެވެ. އަދި މި މަރުގެ ހަގީގީ ސަބަބު އެނގޭނީ ޕޯސްޓްމޯޓަމް ރިޕޯޓާއި ފޮރެންސިކް ރިޕޯޓުތައް ލިބުމުންކަމަށް ފުލުހުން ވަނީ ބުނެފައެވެ.
