ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ "މައިގްރޭޝަން މޮނިޓަރިން އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް" ގެ ދަށުން، ހުޅުމާލެ ދެވަނަ ފިޔަވަހިން އަށް ބިދޭސީއަކު މިއަދު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިންގި މި ހާއްސަ އޮޕަރޭޝަނުގައި ޖުމްލަ 19 ބިދޭސީއެއްގެ މައުލޫމާތު ސާފުކޮށް ބަލައި ފާސްކޮށްފައިވެއެވެ. އޭގެ ތެރެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ އަށް މީހުންނަކީ ރާއްޖޭގައި މަސައްކަތްކުރުމުގެ ސައްހަ ހުއްދައެއް ނެތި، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ މީހުން ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.

މި އޮޕަރޭޝަނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފަށާފައިވާ ހަރުދަނާ މަސައްކަތްތަކުގެ ބައެކެވެ. މިމަސައްކަތުގެ ދަށުން އިމިގްރޭޝަނުން ދަނީ މާލެއާއި ހުޅުމާލޭގެ ކާބޯތަކެތި ތައްޔާރުކުރާ ތަންތަނާއި، ކޮންސްޓްރަކްޝަން ސައިޓުތަކުގެ އިތުރުން އާންމު ވިޔަފާރިކުރާ ތަންތަން ސިލްސިލާކޮށް ބަލައި ފާސްކުރަމުންނެވެ.

ސަރުކާރުގެ އަމާޒަކީ ބިދޭސީންގެ މައްސަލައަށް އަވަސް އަދި ދާއިމީ ހައްލެއް ހޯދުމެވެ. މިގޮތުން ހިންގާ "ކުރަނގި" އޮޕަރޭޝަންގެ ދަށުން މިހާތަނަށް ދެ ލައްކައަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފައިވާ އިރު، ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާ ބެހޭ މިނިސްޓްރީއިން ވަނީ ފުރިހަމަ މައުލޫމާތު ނުދޭ ބިދޭސީން އަންނަ މަހުގެ ދެވަނަ ދުވަހުން ފެށިގެން ޑީޕޯޓްކުރަން ފަށާނެކަން އިއުލާނުކޮށްފައެވެ.

މި މަސައްކަތްތަކަކީ ދިވެހި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ގައުމުގެ ގަވާއިދުތަކަށް ބޯލެނބުމުގެ ސަގާފަތެއް ގާއިމުކުރުމަށް ކުރިއަށްގެންދާ މުހިންމު ހަރަކާތްތަކެކެވެ.