މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް ހަމަލާދިން މައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު ލިބުމާއެކު ފުލުހުން މި ހާދިސާ ތަހުގީގުކުރަން ފަށާފައިވާކަމަށާ، އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމަށެވެ. އަދި މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އެމްޑީޕީން މި މަހުގެ 24 ވަނަ ދުވަހުގެރޭ މާލޭގެ މަގުތަކުގައި ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ، ބައިވެރިން ބޮޑުރަސްގެފާނު މަގުން ގަލޮޅު ސަހަރާ ކައިރިން ދަނިކޮށް ކައިލާން ފިހާރާ ކުރިމަތީގައި ހުރި ޒުވާނަކު ކުރިއަށް ޖެހި އާދަމް އާޒިމްގެ މޭމަތީގައި އަތްއަޅާ ވަނީ ކޮށްޕާލާފައެވެ. އެއާއެކު އެ ދެމެދަށް އެމްޑީޕީގެ އިހުތިޖާޖުގެ ބައިވެރިންތަކެއް ވަދެ އެމީހާ ވަނީ ދުރަށް ޖައްސާފައެވެ. އަދި އެމީހާއަށް ބައެއް ބައިވެރިން ހަމަލާ ދޭން މަސައްކަތްކޮށްފައިވާއިރު ކުޑަވަގުތު ކޮޅެއްގެ ތެރޭގައި އެ ސަރަހައްދަށް ފުލުހުން ގޮސް އެ ހަމަނުޖެހުން ކޮންޓްރޯލްކޮށްފައެވެ.
އާދަމް އާޒިމަށް ދިން ހަމަލާގެ ތުހުމަތުތައް ސަރުކާރަށްކޮށްފައިވާއިރު މި ހާދިސާއާ ގުޅޭގޮތުން ޗީފް ގަވާންމަންޓް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް މީޑިއާއަށް ފޮނުވި ބަޔާނުގައި ވިދާޅުވީ މި ހަމަލާއަކީ ސަރުކާރުން ކޮށްފައިވާ ކަމެއްކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވެފައިވާކަމީ ހައިރާންވާކަމެއް ކަމަށެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ މި ހާދިސާ ހިނގާދިޔަފަހުން މިހާތަނާޖެހެންދެންވެސް އެއްވެސް ރަސްމީ ފަރާތަކުން، އަދި އެމްޑީޕީގެ ފަރާތުންވެސް ނުވަތަ މާލެ ސިޓީ ކައުންސިލުންވެސް މިކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައި ނުވާކަމަށެވެ.
