ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރުން ދިވެހިރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ބެހުމުގެ މަސައްކަތް އިސްލާމީކަންތައްތަކާ އައުގާފާ ބެހޭ މިނިސްޓްރީން މިއަދު ފަށައިފިއެވެ.

މާލެ ސަރަހައްދުގައި ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށްދަނީ އިސްލާމީ މަރުކަޒުގެ ހޯލުގައެވެ. މި މަސައްކަތް މިއަދުން ފެށިގެން މެއި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން މެންދުރު 13:00 އަށް ކުރިއަށްދާނެއެވެ. ނަމަވެސް މެންދުރު ނަމާދު ވަގުތު ޖެހުމުން، ޖަމާއަތް ނިމެންދެން ކަދުރު ދޫކުރުން މެދުކަނޑާލާނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.

ކަދުރު ބެހުމަށްޓަކައި ކިއު ނަންބަރު ދޫކުރަން ފަށާނީ ކޮންމެ ދުވަހެއްގެ ހެނދުނު 09:15 އިން ފެށިގެން ނަންބަރު ހުސްވަންދެނެވެ. މިގޮތުން އާންމު ފަރާތްތަކަށް 250 ނަންބަރު ދޫކުރާއިރު، އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް 100 ނަންބަރު ހާއްސަކުރެވިފައިވެއެވެ.

މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ގޭބިސީތަކަށް ކަދުރު ދޫކުރާނީ އެ ގޭބިސީއެއްގެ އެޑްރެސް، ކަރަންޓު މީޓަރު ނަންބަރު އެނގޭނެ ލިޔުމެއް އަދި ކަދުރާ ހަވާލުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބެލުމަށްފަހުގައެވެ. ކޮންމެ މީހަކަށްވެސް އެންމެ ގިނަވެގެން ދޫކުރެވޭނީ 5 މީޓަރު ނަންބަރަށެވެ.

އަތޮޅުތެރޭގެ ރަށްރަށާއި ސިޓީތަކަށް ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތައް މެދުވެރިކޮށެވެ. ރަށްރަށަށް ކަދުރު ދޫކުރާނީ ކޮންމެ 100 ގޭބިސީއަކަށް 50 ޕެކެޓުގެ ރޭޓުންނެވެ. އަދި ރަށްރަށުގައި ކަދުރު ބަހާނީ އެ ރަށަކަށް ކަނޑައަޅާފައިވާ ކަދުރު ހުސްވަންދެން، ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓުގެ މަގުންނެވެ.

އިސްލާމީ މަރުކަޒުގައި ކައުންސިލްތަކަށް ކަދުރު ދޫކުރުމަށް ހާއްސަ ކުރެވިފައިވަނީ 1 ނަންބަރު ކައުންޓަރެވެ. ކައުންސިލްތަކުން ވަޑައިގަންނަވާ ބޭފުޅުން ކިއުގައި މަޑުކުރައްވަން ނުޖެހޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މި ކަދުރަކީ ސައުދީ ސަރުކާރުން ކޮންމެ އަހަރަކުވެސް ދިވެހި ރައްޔިތުންނަށް ދެމުންދާ ހަދިޔާއެކެވެ.