ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފިއެވެ.

މިއަދު ހެނދުނު 9:00 އިން ފެށިގެން ކުރިއަށްދާ މި ވޯޓުލުން މިއަދު ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާނެ ކަމަށް އެ ޕާޓީން މައުލޫމާތުދެއެވެ. މި ޕްރައިމަރީގައި ވޯޓުލުމަށްޓަކައި ދެ ސަރަހައްދެއްގައި ވަނީ ފޮށި ބަހައްޓާފައެވެ. އެގޮތުން އައްޑޫ ސިޓީގައި ދިރިއުޅޭ މެންބަރުން ވޯޓުލުމަށް ހިތަދޫ ސްކޫލުގައި ފޮއްޓެއް ބަހައްޓާފައިވާއިރު، މާލެ އާއި އެހެނިހެން ރަށްރަށުން ރަޖިސްޓްރީވެފައިވާ މެންބަރުން ވޯޓުލުމަށް ހަމަޖެހިފައިވަނީ މާލޭގެ ކަލާފާނު ސްކޫލުގައެވެ.

ޕީއެންސީގެ ދަފްތަރުގައިވާ ގޮތުން މި ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ ޖުމްލަ 727 މެންބަރުންނަށެވެ.

މި ޕްރައިމަރީގައި ޕީއެންސީގެ ޓިކެޓަށް ވާދަކުރައްވަނީ ދެ ބޭފުޅުންނެވެ. އެއީ އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާނާއި، ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ) އެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، ކުރިން އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި މުހައްމަދު ސިނާން، އިސްލާމިކް ބޭންކުން ނެގި ލޯނަކަށް ދައްކަންޖެހޭ 2.5 މިލިއަން ރުފިޔާ، ކޯޓު ހުކުމާ އެއްގޮތަށް ނުދެއްކުމުގެ މައްސަލައިގައެވެ. މި މައްސަލައިގައި ސިނާންގެ މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ މި މަހުގެ 12 ވަނަ ދުވަހުއެވެ.

ޕީއެންސީން މި ފޯރިގަދަ ޕްރައިމަރީ ބާއްވަމުންދާއިރު، އިދިކޮޅު އެމްޑީޕީގެ ޓިކެޓް މިހާރު ވަނީ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އަށް ކަށަވަރުވެފައެވެ. އެމްޑީޕީން ޕްރައިމަރީއަކަށް ނުގޮސް ސޯބެއަށް ޓިކެޓް ދިނީ، އެ ޕާޓީގެ ޓިކެޓަށް އިތުރު ބޭފުޅަކު ކުރިމަތިލާފައި ނުވާތީއެވެ.