އެމްޑަބްލިޔުއެސްސީ އިން ދެމުންގެންދާ ފެނުގެ ހިދުމަތަށް ބިލް ނުދެއްކި ގިނަދުވަސްވެފައިވާ ގޭބިސީތަކާއި ވިޔަފާރިތަކަށް ބޮޑު ލުޔެއް ދިނުމަށް އެ ކުންފުނިން ނިންމައިފިއެވެ.
މި ނިންމުމަކީ ކަސްޓަމަރުންނަށް ފެން ބިލްތަކަށް ފައިސާ ދެއްކުމުގައި ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމުގެ ގޮތުން ނިންމާފައިވާ ނިންމުމެއްކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ. އެމްޑަބްލިޔުއެސްސީން ބުނީ މިގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް ބިލް ނުދެއްކިގެން އަރާފައިވާ ހުރިހާ ޖޫރިމަނާއެއް މާފުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށެވެ. މި ފުރުސަތުގެ ބޭނުން އެމްޑަބްލިޔުއެސްސީގެ ޑޮމެސްޓިކް (ގޭބިސީ) ކަސްޓަމަރުންނާއި ކޮމާޝަލް (ވިޔަފާރި) ކަސްޓަމަރުންނަށްވެސް ހުޅުވާލެވިފައިވެއެވެ.
ޖޫރިމަނާ މާފުކޮށްދިނުމުގައި ކުންފުނިން ކަނޑައަޅާފައިވާ މައިގަނޑު ޝަރުތަކީ، ޖޫރިމަނާ އަރާފައިވާ ބިލްތަކަށް ދައްކަންޖެހޭ ފައިސާ، މިހިނގާ އޭޕްރީލް މަހާއި މިއަހަރުގެ ޑިސެމްބަރު މަހުގެ 31 އާ ދެމެދު އެއްކޮށް ދައްކައި ހަލާސްކުރުމެވެ.
މީގެއިތުރުން، ބިލްތަކަށް އެއްފަހަރާ ފައިސާ ދެއްކުމަށް ދަތިވާ ކަސްޓަމަރުންނަށް ހާއްސަ އިންތިޒާމްތަކެއްވެސް ވަނީ ހަމަޖައްސާފައެވެ. އެގޮތުން، އެއްބަސްވުމެއްގެ ދަށުން މަހުން މަހަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ކުންފުނިން ފަހިކޮށްދޭނެއެވެ. މިފަދަ ކަސްޓަމަރުންނަށް ޖޫރިމަނާ މާފުކޮށްދެވޭނީ، އެއްބަސްވުމާ އެއްގޮތަށް ހުރިހާ ފައިސާއެއް ދައްކައި ނިންމުމުންނެވެ.
މި ކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ނުވަތަ އެހީތެރިކަން ހޯދުމަށް އެމްޑަބްލިޔުއެސްސީގެ ކަސްޓަމާ ކެއާ ހޮޓްލައިން 105 އަށް ގުޅުއްވުމަށް ނުވަތަ 1050 އަށް އެސްއެމްއެސް އެއް ފޮނުއްވުމަށް އެ ކުންފުނިން އެދެއެވެ. އަދި އީމެއިލް ކޮށްގެންވެސް މައުލޫމާތު ހޯދޭނެކަމަށް އެކުންފުނިން ބުނެއެވެ.
އެމްޑަބްލިޔުއެސްސީ އިން ވަނީ ނުދެއްކި ހުރި ބިލްތަކަށް ފައިސާ ދައްކައި ހަލާސްކުރުމަށް މި ލިބުނު ރަން ފުރުސަތުގެ ބޭނުން ހިފުމަށާއި، ކުރިއަށް އޮތް ތަނުގައި ގަވާއިދުން ބިލްތަކަށް ފައިސާ ދެއްކުމަށް ހުރިހާ ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައެވެ.
