ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާންމުކޮށްފައިވާ އުސޫލުތަކާ ހިލާފަށް ކާޑުން ކުރާ މުއާމަލާތްތަކުން 30 ޕަސެންޓުގެ ފީއެއް ނަގަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ އެއްވެސް އަސާސެއް ނެތް ދޮގު މައުލޫމާތެއް ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބޭންކުން މިފަދައިން ބުނެފައި މިވަނީ އެކްސްގައި 'ހަސަން ކުރުސީ'ގެ ނަމުގައި ހިންގަމުންދާ އެކައުންޓުގައި ބީއެއެމްއެލްއިން އެފަދަ ފީތަކެއް ނަގަމުންދާ ކަމަށް ބުނެ ތުހުމަތުތަކެއް ކުރުމާ ގުޅިގެންނެވެ.

އެ ތުހުމަތުތައް ދޮގުކޮށް ބީއެމްއެލްގެ ތަރުޖަމާނު މުހައްމަދު ސައީދު ވިދާޅުވީ، ބޭންކުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތަށް 1 ޖުލައި 2025 އިން ފެށިގެން ވަކި އީ-ކޮމާސް ސައިޓްތަކަކުން ފިޔަވައި އެއްވެސް އިތުރު ސައިޓަކުން ކުރާ މުއާމަލާތްތަކުން 30 ޕަސެންޓާ ހަމައަށް ފީއެއް ނުނަގާނެ ކަމަށެވެ.

އަދި 30 ޕަސެންޓުގެ ފީ ނެގުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޓީމޫ، ޝީއިން، އަލީބާބާ، އަލީއެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ފަދަ ސައިޓްތަކުން ކުރާ މުއާމަލާތްތަކުން ކަމަށް ވެސް ސައީދު ވިދާޅުވެފައި ވެއެވެ.

ހަމަ އެހެންމެ ސިއްހީ ހިދުމަތާއި، ތައުލީމާއި އަދި ދަތުރުފަތުރުގެ ދާއިރާގެ އެތައް ސަތޭކަ މާޗަންޓުންނަކަށް މިފަދަ ފީއެއް ސިއްރިއްޔާތުގައި އިތުރުކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެ ބޭންކުން ވަނީ ދޮގުކޮށްފައެވެ. ސައީދު ވިދާޅުވި ގޮތުގައި ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ދިވެހި ރުފިޔާ އެކައުންޓަށް ދޫކޮށްފައިވާ ޑެބިޓް ކާޑު ބޭނުންކުރުމުން 30 ޕަސެން ހަމައަށް 'ކްރޮސްބޯޑާ ފީ' އެއް ނެގުމަކީ ދުނިޔޭގެ ބޭންކުތަކުން ވެސް އަމަލުކުރަމުންދާ އުސޫލެއް ކަމަށެވެ.

މީގެ އިތުރުން މިކަމުގައި ވަކި ލިސްޓެއް ނުވަތަ ވަކި ބަޔަކަށް ދީފައިވާ ލުޔެއް، ނުވަތަ މަތީ ރޭޓެއް ދިނުމަށް އަމާޒުކޮށްގެން ނިންމާފައިވާ ނިންމުމެއްވެސް ނޫން ކަމަށް ސައީދު ވިދާޅުވިއެވެ.

މިފަދަ ދޮގު ވާހަކަތަކަކީ ބޭންކުގެ އިތުބާރު ގެއްލުވާލައި، ގައުމުގެ އިގްތިސާދީ ހަމަޖެހުމާއި މާލީ ރައްކާތެރިކަމަށް ސީދާ ނުރައްކާ ކުރިމަތިކުރުވަން ފަތުރާ ވާހަކަތަކެއްކަން ފާހަގަކޮށް ސައީދު ވަނީ އެފަދަ މައުލޫމާތުތަކަށް ސަމާލުކަން ނުދިނުމަށާއި، ހަމައެކަނި ބޭންކުގެ ރަސްމީ ވަސީލަތްތަކުން ހާމަކުރާ މައުލޫމާތަށް ރިއާޔަތްކުރުމަށް ބީއެމްއެލް އިން ވަނީ އިލްތިމާސްކޮށްފައެވެ.