އައްޑޫސިޓީގެ މީހުން ދިރިއުޅޭ އެއްވެސް އަވަށެއްގައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ހިދުމަތް ލިބެން ނެތްކަމަށާއި އެ ސިޓީގެ ރައްޔިތުންނަށް ބޭނުންވާ ތެލުގެ ހިދުމަތް ހޯދުމުގައި މިހާރު ކުރިމަތިވަމުންދާ ދަތިތަކާއި ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ކަންބޮޑުވުންފާޅުކޮށްފިއެވެ.

މިއަދު ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައިވަނީ މިވަގުތު އައްޑޫސިޓީގެ މީހުން ދިރިއުޅޭ އަވަށްތަކުގައި ތެލުގެ ހިދުމަތް ފޯރުކޮށްދެމުންދަނީ ހަމައެކަނި އަމިއްލަ ކުންފުނިތަކުން ކަމަށެވެ. މީގެ ކުރިން އެފްއެސްއެމް އިން އަގުހެޔޮކޮށް ތެޔޮ ސަޕްލައި ކުރަމުން އައި ނަމަވެސް، މިހާރު އެ އިންތިޒާމު ބަދަލުވެ، ރައްޔިތުންނަށް ތެޔޮ ގަންނަން ލިބެނީ ވަރަށް ބޮޑު އަގުގައި ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

އެގޮތުން އެފްއެސްއެމް އިން ޕެޓްރޯލް ލީޓަރެއް 18.56 ރުފިޔާ އަދި ޑީސެލް ލީޓަރެއް 18.68 ރުފިޔާ އަށް ވިއްކަމުންދާއިރު، އައްޑޫސިޓީގެ އަމިއްލަ ކުންފުނިތަކުގެ ޝެޑްތަކުން ތެޔޮ ލީޓަރެއް ވިއްކަމުންދަނީ 24.22 ރުފިޔާ އަށް އަދި ޑީސެލް ލީޓަރެއް 31.34 ރުފިޔާއަށް ކަން ސިޓީ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

އަމިއްލަ ކުންފުނިތަކުންވެސް އެފްއެސްއެމް އިން ވިއްކާ އަގުގައި ތެޔޮ ވިއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް އެދިފައިވީ ނަމަވެސް، އެ އިންތިޒާމު ހަމަޖެހިފައި ނުވާކަން ފާހަގަކޮށް ކައުންސިލުން ބުނީ މިއީ ރާއްޖޭގެ އެހެން ސަރަހައްދުތަކާ އަޅާބަލާއިރު އައްޑޫސިޓީގެ ރައްޔިތުން އުފުލަންޖެހޭ ވަރަށް ބޮޑު ތަކުލީފެއް ކަމަށެވެ.

މީގެ އިތުރުން، އައްޑޫސިޓީ ގަމުގައި ހުންނަ އެފްއެސްއެމްގެ ތެޔޮ އަޅާ މެޝިނަކީ ވަރަށް ދުވަސްވެ ބާވެފައިވާ މެޝިނަކަށް ވުމުގެ ސަބަބުން، ހިދުމަތް ހޯދުމަށް ރައްޔިތުން ގިނަ ވަގުތު ކިއޫގައި ތިބެންޖެހޭކަމުގެ ޝަކުވާ ލިބެމުން ދާކަމަށްވެސް ކައުންސިލުން ވަނީ ބުނެފައެވެ. "މިއީ ރައްޔިތުންގެ ވަގުތު ގެއްލި، ދިރިއުޅުމުގެ އާންމު ހާލަތަށް މީގެ ނޭދެވޭ އަސަރު ކުރަމުންދާ ކަމެއް. އެހެންކަމުން، އައްޑޫސިޓީގެ ރައްޔިތުންގެ މި ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދައިދެއްވުމަށާއި، ކުރިންވެސް އޮތް އުސޫލުން ވީހާވެސް އަވަހަށް އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސަވައިދެއްވުމަށް ސަރުކާރަށާއި ކަމާބެހޭ މުއައްސަސާތަކަށް މި ކައުންސިލުން އިލްތިމާސްކުރަން" ސިޓީ ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ.