ވައިގެމަގުން ރާއްޖެއަށް ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ދެ އަންހެނަކު ފުލުހުންގެ ބަންދަށް ގެންގޮސްފިއެވެ. މި ދެމީހުން ހައްޔަރުކޮށްފައި ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރިކޮށް ވިއްކާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެންނެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެމީހުންގެ ވަނަވަރު ފުލުހުން ވަނީ ހާމަކޮށްފައެވެ. އެއީ:
- އަލްޔާ ޝަރްސާ ނަސީރު (25އ)، ގ. މުތީގެއާގެ / މާލެ
- އާމިނަތު ރޫނާ (29އ)، ބިޖިލީއުފާ / ކ. ތުލުސްދޫ
މީގެ ތެރެއިން އަލްޔާ ޝަރްސާ ނަސީރު ހައްޔަރުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އޭނާ ހައްޔަރުކުރީ ރާއްޖެ އެތެރެވިތަނާ ކަސްޓަމްސްއިން އޭނާ ހިފަހައްޓައި، ފުލުހުންނާ ހަވާލުކުރުމާ ގުޅިގެންނެވެ.
އާމިނަތު ރޫނާ ހައްޔަރުކޮށްފައި ވަނީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ހުޅުމާލެއިންނެވެ. މި އޮޕަރޭޝަން ހިންގާފައި ވަނީ ވެސް މިދިޔަ ހުކުރު ދުވަހުގެ ރޭގައެވެ.
މި މައްސަލައިގައި ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ ދެމީހުން ވެސް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
