ހައުސިން ޔުނިޓު އެޅުމަށް ވިލިމާލެ ގަސްތައް ކަނޑާތީ ކަންބޮޑުވުން ހިއްސާކުރަން ރައްޔިތުން މަޖިލީހުން ބައްދަލުވުން ބާއްވަދޭން އެދިއްޖެއެވެ.
މިއީ ވިލިމާލޭގެ ފުނަވާ ސަރަހައްދުގައި ހުރި ގަސްތައް ކަނޑަން ނިންމާފައިވަނީ 17 ބުރީގެ 300 ހައުސިން ޔުނިޓު އަަޅަން ނިންމާފައިވާ މަޝްރޫއާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން މިއަދު ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ހައުސިން ޔުނިޓު އަަޅަން ނިންމާފައިވަނީ ތިމާވެއްޓަށާއި މާހައުލަށް ކުރާނެ ނޭދެވޭ އަސަރާއި ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި އަދި އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރަމުންދާ ބައެއް ފަންނުވެރިން ހިމެނޭ ޖަމިއްޔާތަކުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާ ތަނެއްގައި ކަމަށެވެ.
މީގެއިތުރުން ގުދުރަތީ ފެހިކަމާއި ހަމަހިމޭންކަން ތަޖުރިބާކޮށްލަން އޮތް ހަމައެކަނި ރަށަކީ ވިލިމާލެ ކަމަށާއި، މިފަދަ މަޝްރޫތަކުގެ ސަބަބުން އެ ރަށުގެ އަސްލު ސިފަ ގެއްލި އާބާދީ ތޮއްޖެހިފައިވާ މާލެފަދަ ތަނަކަށް ބަދަލުވުމުގެ ބިރު އެބައޮތް ކަމަށް ކުޑޫ ވަނީ ވިދާޅުވެފައެވެ.
ވިލިމާލެއަކީ ހަމައެކަނި އިމާރާތްކުރާ ތަނެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، މުޅި މާލެ ސަރަހައްދަށް ބޭނުންތެރި ތިމާވެށީގެ މުހިއްމު ރައުސްމާލެއްގެ ގޮތުގައި ރައްކާތެރިކުރަން ޖެހޭކަމަށް ކުޑޫ ވަނީ ވިދާޅުވެފައެވެ.
މި މަޝްރޫއާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ ފްލެޓް ޕްރޮޖެކްޓް ހިންގާނީ އެ ބިމުގައި ހުރި ގަސްތަކުގެ ތެރެއިން ވީހާ ވެސް މަދު ގަހެއް ކަނޑައިގެން ކަމަށާއި ކޮންމެހެން ކަނޑަން ޖެހިއްޖެ ގަހެއް ނޫނީ ނުކަނޑާނެ ކަމަށް ވިދާޅުވެފައެވެ.
