އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މ. ފަތަހަ، ހުސެއިން ފަހުމީ މިއަދު އައްޔަންކުރައްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެމްޑަބްލިއުއެސްސީގެ ބޯޑު މެމްބަރުކަމަށާއި މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް ހުސެއިން ފަހުމީ ހަމަޖައްސާފައިވާ ކަމަށެވެ.
އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި އަބްދުލްމަތީން މުހައްމަދު މިދިޔަ އާދިއްތަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ހުސެއިން ފަހުމީއަކީ ހަކަތަ އާއި ފެނުގެ ސިނާއަތުގައި ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން މީގެ ކުރިން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވާފައިވާ ފަހުމީ ވަނީ، މިދިޔަ އަހަރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުގެ، ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތާއި ވައުދުތަކާބެހޭ ޕްރިންސިޕަލް ސެކްރެޓަރީގެ މަގާމުވެސް ފުރުއްވާފައެވެ.
