ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގް ސިޓީގައި މިއަހަރުގެ ޖޫން މަހު ބާއްވާ 10 ވަނަ "ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯ" ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.
މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މިއަހަރުގެ އެކްސްޕޯ ކުރިއަށްދާނީ ޖޫން 11 އިން 16 އަށް ކުންމިންގް ޑިއަންޗީ އިންޓަނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގައެވެ. މިއީ ދެކުނު އޭޝިއާގެ ގައުމުތަކާއި ޗައިނާއާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ބާއްވާ އެންމެ ބޮޑު އެއް ހަރަކާތެވެ. މި އެކްސްޕޯއަކީ ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްއާއި ޔުނާން ޕްރޮވިންޝަލް ޕީޕަލްސް ގަވަމަންޓް ގުޅިގެން އިންތިޒާމުކުރާ ބައިނަލްއަގުވާމީ ފެންވަރުގެ ބޮޑު މައުރަޒެކެވެ.
މި އެކްސްޕޯގައި ބައިވެރިވުމަށް ޝައުގުވެރިވާ ދިވެހި ވިޔަފާރިތަކުން އެޕްރީލް 28 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އެދިފައެވެ. އެޕްލިކޭޝަން ފޮނުވަން ޖެހެނީ މިނިސްޓްރީގެ އީމެއިލްއަށް ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ސްޓޯލްތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ޖާގަ އޮތް މިންވަރަކުން، އެންމެ ފުރަތަމަ ހުށަހަޅާ ފަރާތްތަކަށް އިސްކަންދީގެންކަމަށާއި، އެހެންކަމުން ވީހާވެސް އަވަހަކަށް އެޕްލިކޭޝަން ހުށަހެޅުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
މިއަހަރުގެ އެކްސްޕޯގައި 2،500 އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވާކަމަށާއި، 400،000 އަށްވުރެ ގިނަ ވިޔަފާރިވެރިންނާއި އާންމުން މި އެކްސްޕޯއަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭކަމަށް ބޭރުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ. މިއީ ޗައިނާގެ ހުޅަނގު ދެކުނު ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު ވިޔަފާރި މައުރަޒެވެ.
2013 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި އެކްސްޕޯގައި މިއަހަރު ހާއްސަ ސަމާލުކަމެއް ދިނުމަށް ހަމަޖެހިފައިވަނީ އިއާދަކުރަނިވި ހަކަތައާ ޒަމާނީ ދަނޑުވެރިކަން އަދި ސިއްހީ ދާއިރާގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއަށެވެ.
