ޑެންގީ ހުން ޖެހިގެން ހާލު ސީރިއަސްވި، ށ. މިލަންދޫ ޒުވާނާ ނިޔާވެއްޖެއެވެ.

އުމުރުން 23 އަހަރުގެ މި ޒުވާނާއަށް ޑެންގީ ޖެހިގެން ފުރަތަމަ ފަރުވާ ދީފައި ވަނީ ށ. މިލަންދޫގައެވެ. އެއަށްފަހު ހާލު ސީރިއަސްވުމުން ހދ. ކުޅުދުއްފުށީ ހޮސްޕިޓަލުގައި ވެސް ފަރުވާ ދިނުމަށް ފަހު އިއްޔެ ވަގުތެއްގައި އިތުރު ފަރުވާއަށް އޭނާ ވަނީ މާލެ ގެނެސްފައެވެ.

އަދި މާލެއަށް ގެނެސް އައިޖީއެމްއެޗްގައި އޭނާއަށް ފަރުވާ ދީފައި ވަނީ އައިސީޔޫގައި، ވެންޓިލޭޓަރުގައި ކަމަށް އެ ހޮސްޕިޓަލުން ބުނެފައި ވެއެވެ.

ޑެންގީ ޖެހިގެން ޒުވާނަކު ނިޔާވެފައިވާ އިރު، މި ދުވަސްވަރު ކަންބޮޑުވާ މިންވަރަށް ޑެންގީ ފެތުރެމުންދާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެ ގޮތުން މިދިޔަ މާޗްމަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެ މަހު އެކަނި ވެސް ވަނީ 535 ކޭސް ރިޕޯޓްކޮށްފައެވެ. މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުންވެސް މި ބަލިތައް ރިޕޯޓުކުރަމުންދާކަން އެޗްޕީއޭ އިން ވަނީ ފާހަގަކޮށްފައެވެ.

ޑެންގީ ހުމަކީ އީޑީސް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ނުރައްކާތެރި ބައްޔެކެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުންއައުމާއި، ގައިގައި ރިއްސުމާއި، ލޮލުގެ ފަހަތުގައި ރިއްސުމާއި، ހުޅުހުޅުގައި ރިއްސުން ހިމެނެއެވެ. ބައެއް ހާލަތްތަކުގައި މި ބަލި ނުރައްކާތެރި ދަރަޖައަކަށް ގޮސް، ޑެންގީ ހެމޮރެޖިކް ފީވާ ފަދަ ފުރާނައަށް ނުރައްކާވާ ހިސާބަށްވެސް ދެއެވެ.

ޑެންގީ ހުންޖެހިގެން ރިޕޯޓުކުރާ އަދަދު އިތުރުވަމުންދާތީ، އެޗްޕީއޭއިން ވަނީ ޑެންގީހުން ފަދަ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް މަދުކުރުމަށާއި ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް އާންމުންނަށް ވަރަށް ބޮޑަށް އިލްތިމާސްކޮށްފައެވެ. މިގޮތުން، މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަން ނައްތާލުމަކީ އެންމެ މުހިންމު އެއް ކަންތައް ކަމުގައި އެ އެޖެންސީން ފާހަގަކޮށްފައި ވެއެވެ. ގޭތެރެއާއި ގޯތިތެރޭގައި ފެން ހަރުލާ ގޮތަށް ހުންނަ ތަކެތި، މިސާލަކަށް ހުސް ފުޅި، ދަޅު، ޓަޔަރު ފަދަ ތަކެތި ނައްތާލުމަށް ވަނީ އެދިފައެވެ. މީގެ އިތުރުން ގޭގެ ފުރާޅުން ފެން ފައިބާ ހޮޅިތަކާއި، ގަސްމުށި ފަދަ ތަންތަނުގައި ފެން ހަރުލާފައި ނުހުންނާނެހެން ސާފުކޮށް ބެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.