ޑެންގީ ހުން ޖެހިގެން ހާލު ސީރިއަސްވި، ށ. މިލަންދޫ ޒުވާނަކު އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ހާލު ސީރިއަސްވެ، ފަރުވާދެމުން އަންނަނީ 23 އަހަރުގެ ޒުވާނަކަށެވެ. އޭނާއަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ށ. މިލަންދޫގައެވެ. ފަހުން ހާލު ސީރިއަސްވުމުން ހދ. ކުޅުދުއްފުށީ ހޮސްޕިޓަލުގައިވެސް ފަރުވާ ދީފައިވާއިރު އިއްޔެ އޭނާ ވަނީ އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެނެސްފައެވެ.

އައިޖީއެމްއެޗް އިން ބުނީ ޑެންގީ ހުން ޖެހިގެން ޒުވާނަކަށް އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރި ކޭސްތައް ވަނީ ކަންބޮޑުވާ މިންވަރަކަށް އިތުރުވެފައެވެ. މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުންވެސް މި ބަލިތައް ރިޕޯޓުކުރަމުންދާކަން އެޗްޕީއޭ އިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މާޗް މަހު 535 މީހަކަށް ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރިއިރު، ފެބުރުވަރީ މަހު އެ އަދަދު ހުރީ 428 ގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރުވެސް ވަރަށް ބޮޑު އިތުރުވުމެކެވެ.

ޑެންގީ ހުމަކީ އީޑީސް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ނުރައްކާތެރި ބައްޔެކެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުންއައުމާއި، ގައިގައި ރިއްސުމާއި، ލޮލުގެ ފަހަތުގައި ރިއްސުމާއި، ހުޅުހުޅުގައި ރިއްސުން ހިމެނެއެވެ. ބައެއް ހާލަތްތަކުގައި މި ބަލި ނުރައްކާތެރި ދަރަޖައަކަށް ގޮސް، ޑެންގީ ހެމޮރެޖިކް ފީވާ ފަދަ ފުރާނައަށް ނުރައްކާވާ ހިސާބަށްވެސް ދެއެވެ.