މި މަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރު ބުރުގައި 14 ވޯޓުފޮށި ބަހައްޓަން ނިންމާފަވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނުގައިވާ ގޮތުން، މި އިންތިހާބުގެ އިތުރު ބުރުގެ ވޯޓުލުން ކުރިއަށްދާނީ ފަސް ދާއިރާއަކަށެވެ. އެއީ ހއ. ކެލާ، ހދ. ނޭކުރެންދޫ، ބ. ދޮންފަނު، ލ. މާވަށުގެ އިތުރުން ފުވައްމުލައް ސިޓީގެ ދަޑިމަގު އަވަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ކައުންސިލް އިންތިހާބުގެ ދެވަނަ ބުރަށް ވޯޓުލުމަށްޓަކައި ޖުމުލަ 14 ވޯޓުފޮއްޓެއް ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، މީގެތެރޭގައި ހިމެނެނީ ރަށްރަށުގައި ބަހައްޓާ 8 ވޯޓުފޮއްޓަކާއި މާލޭގައި ބަހައްޓާ 6 ވޯޓުފޮށިކަމަށެވެ.

ވޯޓުލާ ދާއިރާތައް ހިމެނޭ ހއ. ކެލާ، ހދ. ނޭކުރެންދޫ، ބ. ދޮންފަނު، ލ. މާވަށުގެ އިތުރުން ފުވައްމުލައް ސިޓީގެ ދަޑިމަގު އަވަށުގައި ބަހައްޓާ ވޯޓުފޮށިތަކުގެ އިތުރުން، މާލޭގައި ދިރިއުޅޭ އެ ރަށްރަށުގެ ރައްޔިތުންނަށް ވޯޓުލުމުގެ އިންތިޒާމުވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ހަމަޖައްސައިފައެވެ. އެގޮތުން މާލޭގައި ވޯޓުފޮށިތައް ބެހެއްޓުމަށް ހަމަޖެހިފައިވަނީ ތާޖުއްދީން ސްކޫލާއި، ހިރިޔާ ސްކޫލުގެ އިތުރުން ދަރުމަވަންތަ ސްކޫލުގައެވެ. އަދި ރަށްރަށުގައި ވޯޓުފޮށިތައް ބަހައްޓާނީ އެ ރަށްރަށުގެ ސްކޫލުތަކާއި އިޖުތިމާއީ މަރުކަޒުތަކުގައެވެ.

ވޯޓު ފޮށިތައް ބަހައްޓާ ތަންތަނުގެ ތަފްސީލު:

  • ހއ. ކެލާ، ޝައިޙް އިބްރާހީމް ސްކޫލް، މަލްޓިޕާޕަސް ހޯލުގަ ދެފޮށި
  • ހދ. ނޭކުރެންދޫ، ނޭކުރެންދޫ ސްކޫލް ހޯލު
  • ބ. ދޮންފަނު، ދޮންފަނު ސްކޫލް ހޯލު
  • ލ. މާވަށް، މާވަށު ސްކޫލް ހޯލު އަދި އިޖްތިމާޢީ މަރުކަޒު ހޯލު
  • ފުވައްމުލައް ސިޓީ، މުޙައްމަދު ޖަމާލުއްދީން ސްކޫލް، ހޯލުގަ ދެފޮށި
  • މާލެ، ތާޖުއްދީން ސްކޫލް ހޯލުގަ ދެފޮށި
  • މާލެ، ހިރިޔާ ސްކޫލް ހޯލުގަ ދެފޮށި
  • މާލެ، ތާޖުއްދީން ސްކޫލް ކްލާސްރޫމް 3
  • މާލެ، ދަރުމަވަންތަ ސްކޫލް، ދެކުނު އިމާރާތްުގެ ލައިބްރަރީ

ކައުންސިލް އިންތިހާބުގެ ދެވަނަ ބުރުގަ ވޯޓު ފޮށި ބަހައްޓާ ތަންތަނުގެ ތަފްސީލުތައް މިހާރު ވަނީ ގެޒެޓުކުރެވިފައެވެ.

މީގެ އިތުރުން، މި އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތަކަށް ރީރަޖިސްޓަރީވުމުގެ ފުރުސަތު މިއަދު ހެނދުނު 10:00 އިން ފެށިގެން ހަވީރު 4:00 ގެ ނިޔަލަށް ވަނީ ހުޅުވައިލައިފައެވެ.

އިންތިހާބުގެ ކަންކަން އޮބްޒާވްކުރުމަށާއި، މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ފަރާތްތަކަށާއި ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވައިލައިފައެވެ. މި ފުރުސަތު ހުޅުވައިލައިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00 ގެ ނިޔަލަށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ އިތުރު ބުރެއް ބާއްވަން ޖެހިފައިވަނީ، ބައެއް ދާއިރާތަކުން ވާދަކުރި ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ އަދަދު އެއްވަރުވުމާ ގުޅިގެންނެވެ. މި އިންތިހާބުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.