އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭގެ ސިއްހީ ހާލަތު ގޯސްވެ، ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މަރުވެއްޖެއެވެ.

ބްރީޗް ކެންޑީ ހޮސްޕިޓަލާ ހަވާލާދީ ދަ ހިންދޫ ނޫހުން ބުނީ އުމުރުން 92 އަހަރުގައި އާޝާ ބޯސްލޭ މަރުވީމަލްޓި އޯގަން (ގިނަގުނަވަންތަކެއް) ފެއިލްވުމުގެ ސަބަބުން ކަމަށެވެ. އާޝާގެ މޭގައި އިންފެކްޝަނެއް އުފެދި، ވަރުބަލިވުމުގެ ސަބަބުން ހޮނިހިރު ދުވަހުގެ ހަވީރު މުމްބާއީގެ ބްރީޗް ކެންޑީގައި އޭނާ އެޑްމިޓްކޮށްފައިވާއިރު ފުއްޕާމޭގެ މައްސަލަތައްވެސް ދިމާވެފައިވާއިރު އޭނާއަށް ހިތުގެ މައްސަލަތަކެއްވެސް ދިމާވެފައިވާ ކަމަށް ރިޕޯޓްތައްވަނީ ބުނެފައެވެ.

އާޝާ މަރުވިކަން ހާމަކޮށް އޭނާގެ ދަރިފުޅު އަންނަދު ބޯސްލޭ ކުރި ޕޯސްޓެއްގައި ބުނީ މަންމަގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދާނީ މާދަމާ ހަވީރު މުމްބާއީގައި ކަމަށެވެ. އަދި މި ވަގުތު އެ އާއިލާގެ ޕްރައިވެސީއަށް އިހުތިރާމް ކުރުމަށްވެސް އޭނާވަނީ އެދިފައެވެ.

އުމުރުން އެންމެ 10 އަހަރުގައި ލަވަކިޔަން ފެށި އާޝާގެ ފުރަތަމަ ލަވައަކީ 1943 ވަނަ އަހަރު ރިލީޒްކުރި މަރާތީ ފިލްމު މަޖާ ބާލްގެ "ޗަލާ ޗަލާ ނަވް ބާލާ”އެވެ. އަދި އޭގެ ފަސް އަހަރު ފަހުން ޗުނާރިޔާ (1948) ގައި "ސާވާން އާޔާ”އިން ހިންދީ ސިނަމާގައި އަޝާގެ އަޑު ގުގުމާލިއިރު އޭނާގެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ދޯ ލަފްޒޯން ކީ ހޭ ދިލް ކީ ކަހާނީ" އާއި "ޖަވާނި ޖާނެމަން" އަދި "ޗުރާ ލިޔާހޭ ތުމްނޭ ޖޯ ދިލް ކޯ" ކަހަލަ ލަވަތައް ހިމެނެއެވެ. އާޝާގެ ލަވަކިޔުމުގެ ހަޔާތުގައި 12،000 އަށްވުރެ ގިނަ ލަވަ ކިޔާފައިވާއިރު އޭނާ ވަނީ 20 ބަހުރުވައަކުން ލަވަތައް ހުށަހަޅާ ސިނާމާތަކަށް ދޫކޮށްލާފައެވެ.