މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތައް ހައްލުކުރެއްވުމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ކުރެއްވި މަސައްކަތްތަކަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ޝުކުރު އަދާކުރައްވައިފިއެވެ.

ނަޝީދު މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒަށް ޝުކުރު އަދާކުރެއްވުމުގެ އިތުރުން، އެމްޑީޕީގެ އެޑްވައިޒަރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދަށް ވެސް ވަނީ މަރުހަބާ ދަންނަވާފައެވެ.

މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިދިޔަ ހޯމަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި ރައީސް ނަޝީދާއި ފައްޔާޒަށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ނުދިނުމާ ގުޅިގެން އަނެއްކާ ވެސް އެމްޑީޕީ އެތެރޭގައި ވަނީ ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. އެކަމާ ނުރުހުން ފާޅުކޮށް، ދެ ބޭފުޅުންނަށް ތާއީދުކުރާ އެކްޓިވިސްޓުން ޖަލްސާ ބޮއިކޮޓްކުރިއިރު، ނަޝީދާއި ފައްޔާޒު ވެސް އެ ޖަލްސާގައި ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. މި ހަމަނުޖެހުންތަކުގެ ތެރެއިން ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލް ޣަފޫރު މޫސާ (ގަޕޯ) މަގާމުން ވަކި ކުރުމަށް ވެސް އެމްޑީޕީގެ ބައެއް މެންބަރުން ވަނީ މަސައްކަތް ފަށާފައެވެ.

ނަމަވެސް، ރޭ ޅ. ހިންނަވަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބޫ ވިދާޅުވީ، ޕާޓީގެ އެތެރޭގެ މައްސަލަތައް ހައްލުކުރުމަށް ހުރިހާ ލީޑަރުން މަޝްވަރާކޮށް، މިހާރު ހައްލެއް ހޯދިފައިވާ ކަމަށެވެ. އިބޫ ވިދާޅުވި ގޮތުގައި، މި މައްސަލައަކީ އާންމު މެންބަރުންނަށް ލިބުނު މާޔޫސްކަމަކަށް ވީ ނަމަވެސް، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް މުޅި ލީޑަޝިޕް އެކީގައި މަސައްކަތް ކުރާނެ ގޮތްތަކެއް މިހާރު ވަނީ ރާވާފައި ކަމަށެވެ.

"އިރާދަކުރެއްވިއްޔާ، މިހާ ހިސާބަށް އާދެވުނު އިރުގައި އަޅުގަނޑުމެން މިވަނީ މިކަމަށް ހައްލެއް ހޯދާފައި. އާއްމު މެންބަރުން އެ އެދޭ ގޮތަށް އަޅުގަނޑުމެން މުޅި ލީޑަޝިޕް އެކީގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މި ހިސާބަށް އާދެވުނު އިރު ހޯދިއްޖެ،" އިބޫ ވިދާޅުވިއެވެ.

އިބޫ އިތުރަށް ވިދާޅުވީ، މި ހައްލު ރަސްމީކޮށް މިއަދު ނުވަތަ މިރޭ އިއުލާން ކުރެވޭނެ ކަމަށާއި، ޕާޓީގެ މަސައްކަތްތައް ކުރިއަށް ގެންދާނީ އެއްވެސް މީހަކު ބާކީ ނުވާނެހެން، މިހާރުގެ ޗެއާޕާސަނާއި ޕާޓީގެ ރައީސް އަދި އެހެން ލީޑަރުން ވެސް ގުޅިގެން ކަމަށެވެ.