އިންޑިއާގެ ޝިމްލާގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2026 ގެ 15 އަހަރުން ދަށުގެ އަންހެން ޓީމު އިވެންޓުން ދިވެހިރާއްޖެ ރިހި މެޑަލް ހާސިލުކޮށްފިއެވެ. މިއީ ދެކުނު އޭޝިއާ ސަރަޙައްދުގެ އެންމެ ޝަރަފުވެރި ޔޫތު ޓޭބަލް ޓެނިސް މުބާރާތުން ރާއްޖޭގެ 15 އަހަރުން ދަށުގެ ޓީމަކުން މެޑައްޔެއް ހޯދި ފުރަތަމަ ފަހަރެވެ.
އޭޕްރީލް މަހުގެ 8 އިން 11 އަށް ކުރިއަށްދާ މި މުބާރާތުގައި ސަރަހައްދުގެ ގިނަ ގައުމުތަކަކުން ވާދަކުރަމުންދާއިރު، ރާއްޖޭގެ ޒުވާން ކުޅުންތެރިން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. މި ތާރީހީ ކާމިޔާބީ ހޯދި ގައުމީ ޓީމުގައި ހިމެނެނީ އައިޝަތު މަލަކް ތަސީން، އައިޝަތު އަލްސާ ނާފިޒު އަދި ސާރާ މޫސާ ޖަމީލެވެ.
ރާއްޖޭގެ އަންހެން ޓީމު ފައިނަލަށް ދަތުރުކުރީ ގުރޫޕް ސްޓޭޖާއި ނޮކްއައުޓް ބުރުގައި ސަރަހައްދުގެ ވަރުގަދަ ގައުމުތަކެއް ބަލިކުރުމަށްފަހުގައެވެ. އެގޮތުން ބަންގްލަދޭޝް، ނޭޕާލް އަދި ސްރީލަންކާގެ މައްޗަށް ރާއްޖެއިން ވަނީ ކުރިހޯދާފައެވެ. ފައިނަލްގައި ރާއްޖެ ނުކުތީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ އިންޑިއާއާ ދެކޮޅަށެވެ. ޓޭބަލް ޓެނިހުގައި ސަރަހައްދުގެ އެންމެ ވަރުގަދަ ބާރު ކަމަށްވާ އިންޑިއާ އަތުން ފައިނަލް މެޗުގައި ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ.
ނަމަވެސް މުބާރާތުގައި ރާއްޖެއިން އެންމެ ފާހަގަކޮށްލެވޭ ކުޅުމެއް ދެއްކީ ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގައެވެ. ފޯރިގަދަ ކުޅުމަކަށްފަހު 15 އަހަރުން ދަށުގެ އަންހެން ޓީމު އިވެންޓުގައި ރާއްޖެއިން ވަނީ 3-2 ން ނޭޕާލްގެ މައްޗަށް ކުރި ހޯދާފައެވެ. މި މެޗުގައި އައިޝަތު މަލަކް ތަސީން ވަނީ މޮޅު ކުޅުމެއް ދައްކާ ދެ މެޗު ކާމިޔާބުކޮށްފައެވެ. އަދި އައިޝަތު އަލްސާ ނާފިޒް ވަނީ މުހިންމު އެއް މެޗު ކާމިޔާބުކޮށް، ޓީމަށް މޮޅު ހޯދައިދިނުމުގައި އިސް ދައުރެއް އަދާކޮށްފައެވެ.
މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުން ވަނީ އީރާނުގެ ކޯޗު މަހުދީ ހޮޝްމަރަމްގެ އިރުޝާދުގެ ދަށުން ގިނަ ފަރިތަކުރުންތަކެއް ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން މުބާރާތަށް ފުރުމުގެ ކުރިން އީރާނުން ކުޅުންތެރިން ގެނެސްގެން މާލޭގައި ހާއްސަ ތަމްރީނުތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
