ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަޒީރުންނާ ކުރައްވާ ސުވާލުތަކަށް ޖަވާބު ނުލިބި، އިންތިހާއަށް ލަސްވަމުންދާ މައްސަލާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ކަންބޮޑުވުން ފާޅުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ އަށް ސިޓީއެއް ފޮނުއްވައިފިއެވެ.

މެންބަރު މުހައްމަދު އިބްރާހިމް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން، 2024 ވަނަ އަހަރުގެ ޑިސެމްބަރު 4 ވަނަ ދުވަހުން ފެށިގެން މިއަހަރުގެ ޖެނުއަރީ 13 ވަނަ ދުވަހާ ހަމައަށް "ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނު" ގެ ދަށުން ފޮނުވާފައިވާ 62 ސުވާލަކަށް މިއަދާ ހަމައަށްވެސް ޖަވާބު ލިބިފައިނުވާ ކަމަށެވެ. މިއީ ރައްޔިތުންގެ މަންދޫބުން ކުރައްވާ ސުވާލުތަކަށް ސަރުކާރުން އިޖާބަދިނުމުގައި ދައްކަމުންދާ ވަރަށް ހިތާމަވެރި މަންޒަރެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

މި ސިޓީގައި އިތުރަށް ބަޔާންކޮށްފައިވަނީ "ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނު" ގެ 3 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން، މެންބަރަކު ވަޒީރަކާ ކުރާ ސުވާލު މަޖިލީހުގެ ރައީސް މެދުވެރިކޮށް ލިޔުމުން ފޮނުވުމުން، 14 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު މަޖިލީހުގެ ޖަލްސާއެއްގައި އެ ސުވާލަކަށް ޖަވާބު ދޭންވާނެ ކަމަށެވެ. ނަމަވެސް، ގާނޫނުގައި ކަނޑައެޅިގެން މިގޮތަށް ބަޔާންކޮށްފައި ވަނިކޮށް، ސުވާލުތަކަށް ޖަވާބު ނުދީ ދިގުލައިގެން ދިއުމަކީ ދިވެހިރާއްޖޭގެ ގާނޫނާ ހިލާފުވުމުގެ އަމަލެއް ކަމަށް މެންބަރު ތުހުމަތު ކުރެއްވިއެވެ.

މިގޮތުން ޖަވާބު ނުލިބި ހުރި ސުވާލުތަކުގެ ތެރޭގައި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް ފަދަ ވަޒީރުންނާ ކުރެވިފައިވާ ގިނަ އަދަދެއްގެ ސުވާލުތައް ހިމެނެއެވެ. މީގެ އިތުރުން އެޓާނީ ޖެނެރަލް އަހްމަދު އުޝާމް އާއި އެހެނިހެން ވުޒާރާތަކުގެ ވަޒީރުންނަށް ފޮނުވާފައިވާ ސުވާލުތައްވެސް ހިމެނެއެވެ.

މެންބަރު މުހައްމަދު އިބްރާހިމް ވަނީ މިކަން މިގޮތަށް ނުވާނޭ ފަދަ ގޮތަކަށް މަޖިލީހުގެ ތެރެއިން ކަންކަން އިންތިޒާމުކޮށްދެއްވުމަށް މަޖިލީހުގެ ރައީސްގެ ކިބައިން އެދިވަޑައިގެންފައެވެ. މެންބަރު ގެ ސިޓީއާއެކު، ޖަވާބު ނުލިބި ހުރި 62 ސުވާލުގެ ތަފްސީލުވެސް ވަނީ ހުށަހަޅާފައެވެ.