އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝާހިދު ވެސް މަގާމުން ވަކިކޮށްފިއެވެ.
މިދިޔަ އަހަރުގެ އަޮގަސްޓް މަހު ޑީއެމްޑީގެ މަގާމަށް އައްޔަންކުރި ޝާހިދު ވަކިކޮށްފައިވަނީ ރޭ ބޭއްވި ފެން ކުންފުނީގެ ބޯޑުގެ ބައްދަލުވުމެއްގައެވެ. ޝާހިދު ވަކިކުރީ ސަރުކާރުން އެދިގެންކަމުގައި ވިޔަސް ވަކި ކުރި ސަބަބު ހާމަކޮށްފައެއް ނުވެއެވެ.
އެމްޑަބްލިއުއެސްސީގައި ޝާހިދުގެ އިތުރުން ދެން ޑީއެމްޑީގެ މަގާމު ފުރުއްވަނީ އަބްދުއްސަލާމް މުހައްމަދެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބަށް ފަހު ސަރުކާރުގެ ކުންފުނިތަކުގެ އެމްޑީގެ މަގާމުން ބައެއް ބޭފުޅުން ވަނީ ވަކިކޮށްފައެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އާއި އެގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް)ގެ މެނޭޖިން ޑިރެކްޓަރު ހުސައިންދީދީ ވަނީ މަގާމުން ވަކިކޮށްފައެވެ. އަދި އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން ވަނީ ސަރުކާރުން އަންގައިގެން އިސްތިއުފާ ދެއްވާފައެވެ.
މީގެ އިތުރުން ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި ޖެނީވާގައި އދ. އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވެސްވަނީ ވަކިކޮށްފައެވެ.
