ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ހިނގާދިޔަ ހާދިސާއާއި ގުޅިގެން ސުކޫލަށް ބޭނުންވާ ތަކެތި އެރަށަށް ފޯރުކޮށްދީފިއެވެ.
މިކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޝިފާޒް މުހައްމަދު ވިދާޅުވީ އަލިފާން ރޯވެފައިވަނީ އެއް ބްލޮކް ކަމަށާއި އެތަން އެއްކޮށް އަނދާ ބޭނުންނުކުރެވޭ ވަރު ވެފައިވާކަމަށެވެ. ޝިފާޒް ވިދާޅުވީ މިހާރު އެތަން ތަޅާ ނިމިފައިވާ ކަމަށާއި މާދަމާ ސާފު ކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށެވެ.
އެތަނުގެ ޕްރިންޓިން ރޫމްގައި ހުރި ޕްރިންޓަރުތަކާއި ކޮމްޕިއުޓާތައް އަދި އެތަނުގައި ހުރި ފާނީޗާތައް ބޭނުންނުކުރެވޭ ހިސާބަށް ގޮސްފައިވާކަން ފާހަގަކޮށް ޝިފާޒް ވިދާޅުވީ އެ ސުކޫލަށް ބޭނުންވާ ތަކެތި މިހާރު ފޮނުވިފައިވާކަމަށެވެ. އެ އިމާރާތުގެ ޕްރައިމަރީ ސްޓާފްރޫމް މިހާރު ރީލޮކޭޓް ކުރެވިފައިވާކަމަށްވެސް ޝިފާޒް ވަނީ ވިދާޅުވެފައެވެ.
މާދަމާ ސުކޫލުގެ ކިޔެވުން ހުޅުވޭނަމަ މާދަމާއަށްވެސް ކިޔެވުން ފެށޭވަރަށް ތައްޔާރުވެފައިވާކަމަށް ޝިފާޒް ވަނީ ވިދާޅުވެފައެވެ.
މި ހާދިސާ ހިނގާފައިވަނީ މިމަހު 2 ވަނަ ދުވަހުގެ ރޭގައެވެ. މި އަލިފާނުގެ ހާދިސާގައި އެ ސްކޫލުގެ ޕްރައިމަރީ ޓީޗަރުންގެ ސްޓާފްރޫމާއި، ޕްރިންޓިން ރޫމް އަދި އެއް ކްލާސްރޫމް ވަނީ އަނދާފައެވެ.
750 އެއްހާ ދަރިވަރުން ކިޔަވުން އަންނަ ތައުލީމަރުކްޒުގެ ޕްރައަރީ ޓީޗަރުންގެ ބައިގައި އަލިފާން ރޯވާން ދިމާވީ އޭސީ ޔުނިޓެއްގައި ރޯވެގެން ކަމަށް ސްކޫލުގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.
