ހދ. ކުޅުދުއްފުށި ސިޓީގެ މޭޔަރުކަން އެ މަގާމުގައި މިހާރު ވެސް ހުންނެވި މުހައްމަދު އާތިފް ކުރީގައި އުޅޭ ކަމަށް ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.
މިއަދު ހެނދުނު 8:00 އިން ހަވީރު 05:00 އަށް ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ފޮށިތައް ގުނުމަށްފަހު ވަގުތީ ނަތީޖާ އިއުލާން ކުރަމުންދާއިރު މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން ކުޅުދުއްފުށީ މޭޔަރުގެ ރޭހުގެ ކުރީގައި އުޅެނީ، 1490ވޯޓާ އެކު މިހާރުގެ ވެސް އެ ރަށުގެ މޭޔަރު އެމްޑީޕީގެ މުހައްމަދު އާތިފްއެވެ.
އޭނާއާ ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް ހަސަންއަށް ލިބުނީ 680 ވޯޓެވެ.
މީގެ އިތުރުން ވެސް ގިނަ ސިޓީތަކުގެ މޭޔަރުކަމަށް ކުރީގައި އުޅެނީ އިދިކޮޅު އެމްޑީޕީއެވެ. އަދި ހަމަ އެހެންމެ ފެންނަ ނުފެންނަ ވޯޓުގައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދެއް ނުކުރެއެވެ. ބައެއް ރަށްރަށާއި ރިސޯޓުތަކުގައި ބަހައްޓާފައިވާ ވޯޓުފޮށިތަކުގެ ނަތީޖާ ލިބެމުންދާއިރު މި ނަތީޖާއަށް ބަދަލު އަންނާނެއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީ، ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ އަދި އައްޑޫ ސިޓީގެ މޭޔަރު އިންތިހާބުގައި މިހާތަނަށް ލިބުނު ނަތީޖާތަކުން ކުރީގައި އުޅުއްވަނީ އިދިކޮޅު އެމްޑީޕީއެވެ.
އެއީ މާލެ ސިޓީގެ މޭޔަރުކަން މިހާރު ކުރައްވަމުން ގެންދަވާ އާދަމް އާޒިމް، ފުވައްމުލައް ސިޓީގެ މޭޔަރުކަން މިހާރު ކުރައްވަމުން ގެންދަވާ އިސްމާއިލް ރަފީގު، ކުޅުދުއްފުށި ސިޓީގެ މޭޔަރުކަން ކުރައްވަމުން ގެންދަވާ މުހައްމަދު އާތިފް އަދި އައްޑޫ ސިޓީގެ މޭޔަރުކަން ކުރައްވަމުން ގެންދަވާ އަލީ ނިޒާރުއެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމު ކުރި އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަދު ހަވީރު 4 ގެ ނިޔަލަށް 185،709 މީހުން ވަނީ ވޯޓު ލާފައެވެ. އެއީ 62.98 ޕަސެންޓު މީހުންނެވެ. އޭގެ ތެރޭގައި 92567 އަންހެނުން އަދި 93142 ފިރިހެނުން ހިމެނެއެވެ. މި އިންތިހާބަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާ 294،876 މީހުން ތިބި އިރު އޭގެތެރޭގައި ހިމެނެނީ 144،506 އަންހެނުންނާއި 150،0370 ފިރިހެނުންނެވެ.
