ކޮމިޝަނާ އޮފް ސްޕޯޓްސްގެ އޮފީހާއި ރާއްޖޭގެ ކުޅިވަރު ޖަމިއްޔާތަކާ ދެމެދު ކުރެވޭ މުއާމަލާތްތައް ޒަމާނީ ޑިޖިޓަލް ނިޒާމެއްގެ ތެރެއަށް ބަދަލުކުރުމަށް ފަރުމާކޮށްފައިވާ "ސްޕޯޓްގޭޓް" ޕޯޓަލް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މީރުމާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޕޯޓަލް އިފްތިތާހުކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި ކޮމިޝަނާ އޮފް ސްޕޯޓްސް މުހަންމަދު ތޮލާލްއެވެ.
މި ޕޯޓަލްއަކީ މީގެ ކުރިން ބޭނުންކުރަމުން އައި "މީސް ޕޯޓަލް" އަށް ގެނެވުނު ބޮޑު ބަދަލެކެވެ. އެގޮތުން މި އާ ޕޯޓަލް ފަރުމާކޮށްފައިވަނީ ކުޅިވަރު ކުލަބުތަކާއި އެސޯސިއޭޝަންތަކަށް ބޭނުންވާ ރަޖިސްޓްރޭޝަންގެ ކަންކަމާއި، އަސާސީ ގަވައިދު ހުށަހެޅުމާއި، އަދި ކުޅުންތެރިންގެ ރިލީޒް ހޯދުމަށް ހުށަހެޅުން ފަދަ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ލިބޭނެ ގޮތަށެވެ.
ޕޯޓަލް އިފްތިތާހު ކޮށްދެއްވުމަށްފަހު ކޮމިޝަނާ މުހަންމަދު ތޮލާލް ވިދާޅުވީ، މި ބަދަލަކީ އެސޯސިއޭޝަންތަކާ އެކު ބޭއްވުނު މަޝްވަރާތަކުން ފާހަގަވި ގޮންޖެހުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން ގެނެވުނު ބަދަލެއް ކަމަށެވެ. ކުރިން ބޭނުންކުރި "މީސް ޕޯޓަލް" ރިބްރޭންޑް ކުރުމުގެ ބަދަލުގައި، ވަޒީރުގެ އިރުޝާދުގެ މަތިން މުޅިން އާ ޕޯޓަލްއެއް އުފެއްދުމަށް ނިންމީ އެ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"އެސޯސިއޭޝަންތަކާއި ކޮމިޝަނާ އޮފް ސްޕޯޓްސްގެ އޮފީހާ ކުރެވޭ މުއާމަލާތްތައް ވީހާވެސް ހަރުދަނާކޮށް އަދި ޑިޖިޓަލައިޒްކޮށް ޕޭޕާލެސްކޮށް ކުރެވޭނެ ގޮތެއް މަގުފަހިކުރުމަށް މި ޕޯޓަލް ޑިވެލޮޕްކުރީ،" ތޮލާލް
މި އާ ނިޒާމުގެ ދަށުން ކޮމިޝަނުން ފޯރުކޮށްދޭ ހުރިހާ ހިދުމަތެއް އޮންލައިންކޮށް ލިބިގެންދާނެއެވެ. މީގެ އިތުރުން، މުހިންމު ލިޔެކިޔުންތައް އަރުޝީފު ކުރެވި، ދާއިމީކޮށް ބެލެހެއްޓޭނެ އިންތިޒާމު މި ޕޯޓަލްގެ ތެރެއިން ވަނީ ހަމަޖައްސާފައެވެ.
ސަރުކާރުގެ މި އިސްނެގުމަކީ ކުޅިވަރުގެ ދާއިރާ ހިންގުމުގައި ހުރި އިދާރީ ހުރަސްތައް ނައްތާލައި، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުޅިވަރު ޖަމިއްޔާތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
