ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް އަންނަ ހޮނިހިރު ދުވަހު ނަގަން ނިންމާފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ހުއްޓުވުމަށް އެދި ހައި ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގައި އެ ވޯޓު ހުއްޓުމަށް އެދިފައި ވަނީ ރިފަރެންޑަމްގައި ކުރާ ސުވާލުގައި ފުށުއެރުންތަކެއް ހުރި ކަން ހާމަކޮށް އެ އިންތިހާބުގެ ފުރިހަމަ މަގުސަދު އިލެކްޝަން ކޮމިޝަނަށް ބުނެދެވިފައި ނުވާ ކަން ފާހަގަކޮށެވެ. ރިފަރެންޑަމް ބޭއްވުމުގައި ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތުތަކާއި ހިލާފުވެފައިވާ ކަމަށާއި އިންސާފުވެރި އިންތިހާބެއް ބާއްވަން އިލެކްޝަންސް ކޮމިޝަނުން ބަލަންޖެހޭ ކަންކަން ބެލުމެއް ނެތި، ރައީސް ކަނޑައަޅުއްވި ތާރީހަށް އިންތިހާބު ބާއްވަން ނިންމީ މުސްތައްގިލު މިނިވަންކަމެއް ނެތި ކަމަށް ވެސް އެ މައްސަލައިގައި ބަޔާންކޮށްފައި ވެއެވެ.

ޝުނާނާ ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައިވާ އިތުރު ކަންކަމަށް ބަލާއިރު، ހިނގަމުންދާ މަޖިލީހުގެ ދައުރު ޑިސެމްބަރު 1، 2028 ގައި ހަމަވާނެ ކަމަށް ބަޔާންކޮށްފައި ވަނީ ގާނޫނުއަސާސީ އަށް ގެންނަ އިސްލާހެއްގެ ގޮތުގައި ނޫން ކަމަށެވެ. ގާނޫނުއަސާސީގެ ދުސްތޫރު ބޭރުން، ގާނޫނުއަސާސީ އަށް ގެންނަ އިސްލާހެއްގެ ގޮތުގައި ނޫން ގޮތަށް ހިނގަމުންދާ މަޖިލީހުގެ ދައުރު ހަމަވެގެން ކުރެވޭ ކަމެއްގެ ދޭހަވާގޮތަށް ބިލުގައި ހިމަނާފައިވާ ކަމަށް ވެސް އެ މައްސަލައިގައި ބަޔާންކޮށްފައި ވެއެވެ. އަދި ދެ އިންތިހާބު ބާއްވޭނީ ފަސް އަހަރުގެ މުއްދަތަށް އިންތިހާބުކޮށް ހިނގަމުންދާ މަޖިލީހުގެ އުމުރު ހަމަވުމުގެ ގާތްގަނޑަކަށް 177 ދުވަސް ކުރިން މަޖިލީސް އުވާލެވިގެން ކަމަށް ވާއިރު، އެކަން ގާނޫނުއަސާސީ އަށް ގެންނަ އިސްލާހެއްގެ ގޮތުގައި ހިމަނާފައިނުވާ ކަން ވެސް ފާހަގަކޮށްފައި ވެއެވެ.

މީގެ އިތުރުން ވޯޓުލުން ބޭއްވުމަށް ހަމަޖެއްސި ހޮނިހިރު ދުވަހާ ދެމެދު 47 ދުވަހުގެ މުއްދަތެއް އޮތުމަކީ ރައްޔިތުން ހޭލުންތެރިކުރުވުމަށާއި ބަހުސްކުރުމާއި ތާއީދުކުރާ ފަރާތްތަކާއި ދެކޮޅު ފަރާތްތަކުން ތައްޔާރުވުމަށާއި އަދި އިންތިހާބާ ގުުޅޭ އެހެނިހެން ކަންތައްތަކަށް ތައްޔާރުވުމަށް ވަރަށް ކުރު މުއްދަތެއް ކަަމަށް ވެސް ޝުނާނާގެ މައްސަލައިގައި ފާހަގަކޮށްފައި ވެއެވެ. އަދި ރިފަރެންޑަމާ ގުޅޭ މައުލޫމާތު، ވޯޓު ކަރުދާހުގެ ނަމޫނާ އާއި ބިލާއި ރިޔާސީ ގަރާރު އެއް ތަނަކުން ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސަފައި ނެތް ކަން ވެސް ފާހަގަކޮށްފައި ވެއެވެ.

މިއީ ވޯޓުލުމަށް ބޭނުންވާ އެންމެ އަސާސީ މައުލޫމާތުތައް ކަމަށާއި މި ސަބަބުތަކާ ހުރެ ރިފަރެންޑަމް ނެގުން ހުއްޓުވައި ދިނުމުގެ ވަގުތީ އަމުރަކަށް ވަނީ އެދިފައެވެ. ވަގުތީ އަމުރު ނުލިބިއްޖެ ނަމަ ވޯޓުގެ ނަތީޖާ އަށް ބިނާކޮށް އެއްވެސް ފިޔަވަޅެއް އެޅުން ނުވަތަ އޭގެ މައްޗަށް ބުރަވެ އެއްވެސް ކަމެއް ތަންފީޒުކުރުން ހުއްޓުވައި، މައްސަލައިގެ އިންސާފު ގާއިމުކުރުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމަށް ކޯޓަށް ފެންނަ ކޮންމެ ވަގުތީ ފަރުވާއެއް ހޯދުމަށް ވަނީ އެ ދައުވާގައި އެދިފައެވެ.