ރ. ވާދޫ ސިއްހީ މަރުކަޒުގައި ލެބޯޓަރީގެ ހިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
ލެބޯޓްރީގެ ހިދުމަތް ފެށުމަށް މިއަދު އެ ރަށުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، މި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމްގެ އިތުރުން ހެލްތް މިނިސްޓްރީގެ އިސްވެރިންނާ ރވާދޫ ކައުންސިލްގެ އިސްވެރިން އަދި ސިއްހީ މަރުކަޒުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ހެލްތް މިނިސްޓަރު ވަނީ ވާދޫ ސިއްހީ މަރުކަޒުގެެ ސީނިއާ މެނޭޖްމަންޓު ޓީމާއި ބައްދަލުކުރައްވާ ދިމާވާ ދަތިތަކާ ގޮންޖެހުންތައް އަޑުއްއައްސަވާ މައްސަލަ ހައްލުކުރުމަށް ކުރެވޭނެ ކަންތައްތަކާމެދު މަޝްވަރާވެސް ކުރައްވާފައެވެ.
މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓްރީ ގާއިމުކޮށް އާންމު ޓެސްޓުތައް އެތަންތަނުގައި ހެދޭނެ ގޮތް ހަމަޖެހޭނެ ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވެފައިވެއެވެ. އެގޮތުން މި ސަރުކާރުން ބޭނުންވަނީ ޑައިގްނޯސްޓިކް ހިދުމަތް ވަރުގަދަކުރުމަށް ކަމަށާއި ރަށުގައި ތިބެގެން ސިއްހީ ހިދުމަތް ލިބޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވަނީ ވިދާޅުވެފައެވެ.
ބޭސް ފަރުވާ ފެށޭ ހިސާބަކީ ރަނގަޅު ޑައިގްނޯސްޓިކް ސިސްޓަމެއް އޮތުން ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެކަމަށް ބަލިމީހާއަށް ފުރިހަމައަށް އިތުބާރުކުރެވޭ ގޮތެއް އޮންނަންޖެހޭނެ ކަމަށެވެ. މި ސަރުކާރު ފެށުނުއިރު އަތޮޅުތެރޭގައި 76 ރަށެއްގައި ލެބޯޓްރީގެ ހިދުމަތް ނުލިބި އޮތްކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ އެހެންވެ، ޕޮއިންޓް އޮފް ކެއާގެ ދަށުން އެތަންތަނުގައި ބޭސިކް ޓެސްޓުތައް ހެދޭނެ އިންތިޒާމު ހަމަޖެއްސިފައިވާ ކަމަށެވެ.
މި ސަރުކާރުގެ ދެވަނަ އަމާޒަކީ ހުރިހާ ރަށެއްގައި ލެބޯޓްރީ ގާއިމުކުރުންކަން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިއަހަރު ނިމޭއިރު ހުރިހާ ރަށެއްގައި ލެބޯޓްރީ ގާއިމުކޮށް، ލެބްޓެކްނީޝަނުން އެތަންތަނަށް ލެވި، މަސައްކަތް ފެށިގެންދާނެ ކަމަށެވެ.
