އާސަންދަ ސްކީމްގެ ތެރެއިން އެމްބިއުލާންސް ހިދުމަތް ދިނުމުގެ ކަންކަން އަންނަ މަހުން ފެށިގެން ފެށުމަށް ސަރުކާރުން ނިންމައިފިއެވެ.

މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އާސަންދަ ސްކީމްގެ ދަށޫން އެމްބިއުލަންސްގެ ހިދުމަތް ފޯރުކޮށް ދިނުމަށް ނިންމައި އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށީގެން މި ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ގޮތުން މި ހިދުމަތް ދެވޭ ހާލަތްތަކުގެ ތަފްސީލް ވެސް ރައިސް ވަނީ ދެއްވާފައެވެ. އެގޮތުން މައްޔިތުން އުފުލުމަށާއި އެނދުމަތިކޮށްފައިވާ މީހުން އައުޓްޕޭޝަންޓް ހިދުމަތް ދިނުމަށް އެމްބިއުލާންސްގައި ގެންދަން ޖެހޭ ނަމަ އެ ހިދުމަތް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު ވީލް ޗެއާ ގައި ގެންގުޅޭ ފަރާތްތަކާއި އެކި ކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އައުޓް ޕޭޝަންޓް ހިދުމަތް ހޯދަން ދިއުމަށް ވެސް އެމްބިއުލާންސްގެ ހިދުމަތް އާސަންދަ ސްކީމްގެ ތެރެއިން ފޯރުކޮށް ދޭން ނިންމާފައިވާ ކަމަށް ރައިސް ވިދާޅުވިއެވެ. ނުކުޅެދުންތެރިކަން ހުރި ފަރާތްތަކުގެ ތެރޭގައި ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އޯޓިޒަމް އަދި ޑައުންސިންޑްރަމް ބަލި ތަހައްމަލު ކުރާ ފަރާތްތައް މީގެ ތެރޭގައި ހިމެނޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ސިއްހީ މަރުކަޒުގައި އެނދުމަތިކޮށްފައިވާ ފަރާތެއް އިތުރު ފަރުވާ އަށް ނުވަތަ ތަހުލީލެއް ހެދުމަށް އެހެން މަރުކަޒަކަށް ގެންދަން ޖެހޭ ހާލަތްތަކުގައި ވެސް އަދި އިވެކުއޭޓް ކުރެވޭ ހާލަތްތަކުގައި ބަލި މީހާ ރާއްޖެއިން ބޭރަށް އިތުރު ފަރުވާއަށް ދިއުމަށް ޑޮކްޓަރުން ރިފާ ކޮށްފައިވާ ހާލަތްތަކުގައި ބަލި މީހާ ޖެޓީއަށް ނުވަތަ އެއާޕޯޓަށް ގެންދިއުމަށް އެމްބިއުލަންސްގެ ހިދުމަތް އާސަންދަ ސްކީމުން ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ތެލެސީމިއާ ބަލި މީހުން އައުޓް ޕޭޝަންޓް ހިދުމަތް ދިނުމަށް ގެންދާ ހާލަތްތަކުގައިވެސް އެ ހިދުމަތް އާސަންދައިގެ ދަށުން ފޯރުކޮށް ދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ނިންމުން ނިންމާފައި ވަނީ ވަރަށް ގިނަ ދުވަހުގެ މަޝަވަރާއަށް ފަހުގައި ކަމަށާއި މި ކަން ކުރުމަށް ޓެކްނިކަލް ކަންކަމާއި މާލީ ކަންކަމުގެ އިތުރު އޮޕަރޭޝަނަލް ކަންކަމަށް ބަލާފައި ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ސިއްހީ ހިދުމަތް ހޯދުމުގައި މިއީ ރައްޔިތުންނަށް ވަރަށް ބޮޑު ދަތިކަމެއް ދިމާވާ ކަމެއް ކަމަށާއި އަދި މި ކަމަކީ ރައްޔިތުން ހައްލުކޯށް ދިނުމަށް އެދިފައިވާ ކަމެއް ކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ. މި ނިނމްުމާ އެކު ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.