ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 2 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފައި ވަނީ މި މަހުގެ 4 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ.

ކަސްޓަމްސް އިން ބުނީ އަތުލައިގެންފައިވަނީ 2640 ގްރާމްގެ ސިންތެޓިކް ކެތިނޯން ކަމަށެވެ. މީގެ މަގުމަތީ އަގު 3,960,000 ދިވެހި ރުފިޔާއަށް އަރާކަމަށްވެސް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

ވައިގެ މަގުން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފައިވާ އިރު، މި މަހުގެ 3 ވަނަ ދުވަހުވެސް ވަނީ ވައިގެ މަގުން ރާއްޖެ އެތެރެ ކުރަން އުޅުނު 6.7 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފައެވެ.

އެގޮތުން އެތަކެތީގެ ބަރުދަނުގައި 6700 ގްރާމް ހުރި ކަމަށާއި އެ ތަކެތި ޓެސްޓު ކުރި އިރު އެ މަސްތުވާތަކެތީގެ ބާވަތެއް ކަމަށް ވާ ހަޝިޝް އޮއިލް އަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ. އަދި އެ ތަކެތީގެ މަގުމަތީ އަގު 5.36 މިލިއަން ރުފިޔާއަށް ވުރެ އިތުރުވާނެ ކަމަށް ވެސް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.