ހުޅުމާލޭގައި އަލަށް ތަރައްގީކުރާ ޕާކިން އިމާރާތްތަކާއެކު، މަގުތަކަށް އަމާންކަން ލިބި، ޖާގަ ނެތުމުގެ ސަބަބުން ވެހިކަލް ރެޖިސްޓާކުރަން ދިމާވެފައިވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ޓްރާންޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ހުޅުމާލޭގައި ޖުމުލަ 7 ޕާކިން އިމާރާތް ތަރައްގީކުރުމުގެ މަސައްކަތް އެކި މަރުހަލާގައި މިހާރު ފަށާފައިވާ ކަމަށެވެ. މީގެ ތެރެއިން މިއަދު ބިންގާ އަޅާފައިވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ތަރައްގީކުރާ 13 ފަންގިފިލާގެ އުސް އިމާރާތުގެ މަސައްކަތެވެ.

ސަރުކާރުގެ މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް 1 ގައި 3 ޕާކިން އިމާރާތް އަދި ފޭސް 2 ގައި 4 ޕާކިން އިމާރާތް ކުރާނެ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ. އަދި ބާކީ ހުރި ހުރިހާ އިމާރާތްތަކުގެ މަސައްކަތްވެސް މިހާރު ވަނީ ފެށުމުގެ މަރުހަލާގައި ކަމަށް އަމީން ވިދާޅުވިއެވެ.

މި އިމާރާތްތަކުގެ ތަފްސީލު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މިއީ ޕްރައިވެޓް އަދި ޕަބްލިކް ޕާކިން ސްޕޭސް ހިމެނޭ ގޮތަށް ފަރުމާކުރެވިފައިވާ ތަންތަން ކަމަށެވެ.

"މި މަޝްރޫއުގެ ދަށުން 4 ފުރޮޅުލީ އުޅަނދަށް 2600 ޖާގަ އަދި 1000 އަށްވުރެ ގިނަ ސައިކަލު ޕާކު ކުރެވޭނެ ޖާގަ ހިމެނޭނެ،"
މިނިސްޓަރު އަމީން

މީގެ އިތުރުން، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އުޅަނދު ޕާކުރުމަށްވެސް މި އިމާރާތްތަކުގައި ހާއްސަ ޖާގަތަކެއް ކަނޑައެޅިފައިވާނެއެވެ.

މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިއީ ރާއްޖޭގައި ގާއިމުކުރެވޭ އެންމެ ޒަމާނީ ޕާކިން ނިޒާމެވެ. މީގެ ސަބަބުން މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންނާއި އުޅަނދު ދުއްވާ މީހުންނަށް ބޮޑު ފަސޭހައެއް ލިބި، މަގުމަތީގެ އަމާންކަން ކަށަވަރުކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫއަކީ މާލެ ސަރަޙައްދަށް ދިމާވެފައިވާ ޕާކިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.