އަނގައިން ނުބައި ވަސް ދުވުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލައަކަށް ވެފައިވާއިރު އެކަމަށް ހައްލެއް ހޯދަން މަސައްކަތްކުރާ މީހުން ވެސް މަދެއް ނޫނެވެ. އަދި މިއީ ސިއްހަތަށް ގެއްލުން ހުރި ކަމެއްގެ އިތުރުން އެހާމެ ލަދުވެތި ކަމެއް ވެސްމެ އެވެ.
އަނގައިން ނުބައިވަސް ދުވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ކެވޭ އެއްޗެއްގެ ސަބަބުން އަނގައިން ނުބައިވަސް ދުވުމާއި ކެއުމުގައި ގެންގުޅޭ އާދަތަކެއްގެ ސަބަބުން އަނގައިން ނުބައިވަސް ދުވުމާއި އަދި ދަތް އުނގުޅުމާއި ދަތްތައް ސާފު ކުރުމުގައި ގެންގުޅެވޭ އާދަތަކެއްގެ ސަބަބުންވެސް އަނގައިން ނުބައިވަސް ދުވަ އެވެ.
މީގެއިތުރުން ސައިނަސް ހުންނަ މީހުންނާއި ދަތުގެ އަދި ހިރުގަނޑުގެ ބަލިތަކަށް ދާއިމީ ފަރުވާ ހޯދާ ނަމަ އަނގައިން ނުބައި ވަސް ދުވުމަކީ އެކަށީގެންވާ ކަމެކެވެ. މިކަމަށް އަވަސް ހައްލެއް ހޯދަން މަސައްކަތް ފެށުމުގެ ގޮތުން އަމިއްލަ ނަފުސުގެ ސާފު ތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުން މުހިންމެވެ. އެހެންކަމުން މި ލިޔުމުގައި މި ހާއްސަ ކޮށްލަނީ އަނގައިން ދުވާ ނުބައި ވަސް ކަނޑުވާލުމަށް ދެވިދާނެ ބައެއް ފަރުވާއެވެ.
ދަތް އުނގުޅުމާއި ފްލޮސް ކުރުން:
ދަތް އުނގުޅުމާއި ފްލޮސް ކުރުމަކީ ކޮންމެ ދުވަހަކު ކުރަން ޖެހޭ ކަމެކެވެ. އަދި ޑެންޓިސްޓުން ލަފާދެއްވާ ގޮތުގައި ދުވާލަކު މަދުވެގެން ދެ ފަހަރު ދަތް އުނގުޅަން ޖެހެ އެވެ.
އެޕަލް ސިޑާ ވިނެގާ:
ކާ އެއްޗެހި ހަޖަމް ކުރުމުގައި މައްސަލަ ހުރުމުގެ ސަބަބުންވެސް އަނގައިން ނުބައިވަސް ދުވަ އެވެ. އެޕަލް ސިޑާ ވިނެގާ އަކީ މިދެކަމަށް ވެސް އޮތް ހައްލެކެވެ. އެއް ސަމުސާ އެޕަލް ސިޑާ ވިނެގާގެ ތެރެއަށް އެއް ޖޯޑު ފެން އަޅާށެވެ. އަދި ކޮންމެ ކޮންމެ ނާސްތާއެއްގެ ބައިގަޑި އިރު ކުރިން ބޯލާށެވެ.
ކަރަންފޫ:
ކަރަންފުލަކީ އޭގައި ހިމެނޭ އެންޓިސެޕްޓިކް ކޮލިޓީގެ ސަބަބުން އަނގައިގާ އުފެދޭ ބެކްޓީރިއާ ނައްތާލަދީ އަނގައިން ދުވާ ނުބައި ވަސް ކަނޑުވާލަދޭ އެއްޗެކެވެ.
ބޭކިން ސޯޑާ:
ބޭކިން ސޯޑާ އަކީ އަނގައިގެ ތެރޭގައި ހުންނަ ވަސް ފިލުވާލައި އަނގައިގެ އެތެރޭގައި ހުންނަ އެސިޑް އެއްވަރެއްގައި ހިފަހައްޓައިދޭ އެއްޗެކެވެ. އެއް ސަމުސާ ބޭކިން ސޯޑާގެ ތެރެއަށް އެއް ޖޯޑް ފެން އެޅުމަށް ފަހު ކޮންމެ ދުވަހަކު އެފނުން އަނގަ ދޮވެލާށެވެ. ދަތް އުނގުޅާ ބޭހެއްގެ ބަދަލުގައި ވެސް ބޭކިން ސޯޑާ ބޭނުން ކުރެވިދާނެ އެވެ. މިގޮތަށް ހަފްތާއަކު ކަންތައް ކޮށްލުމުން އެދެވޭ ނަތީޖާއެއް ފެނިދާނެ އެވެ.
ގިނައިން ފެން ބުއިން:
އަނގަތެރެ ހިކުން ނުދީ ފެން ބޯށެވެ. ކާ އެއްޗެހި އަނގައިގަ ހުރުމުގެ ސަބަބުން އަނގައިން ނުބައި ވަސް ދުވަ އެވެ. ކެއުމަށްފަހު ފެން ބޯށެވެ. އަދި ކޮންމެ ދުވަހަކު ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ބޯން ހަނދާން ކުރާށެވެ.
އޮރެންޖް ނުވަތަ ލުނބޯ ތޮށި:
އޮރެންޖް އަދި ލުނބޯ ތޮށި ރަނގަޅަށް ދޮވެލުމަށްފަހު ހެފުމުން އަނގައިން ދުވާ ނުބައި ވަސް ކަނޑުވާލަދެ އެވެ. މިކަން މިގޮތަށްވަނީ އެ ތޮށީގައި ހިމެނޭ ސިޓްރިކް އެސިޑްގެ ސަބަބުންނެވެ.
މީގެ އިތުރުން ވެސް ދޫ ސާފުކުރުމާއި ބެލެންސްޑް ޑައިޓެއް މަތީ ގާއިމުވެ ހުރުމަކީ ވެސް އަނގައިން ނުބައި ވަސް ދުވުމުން މީހާ ދުރުކޮށްދޭ ކަމެކެވެ. މާބޮޑަށް އަނގައިން ނުބައި ވަސް ދުވާކަމުގެ އިހުސާސް ކުރެވޭނަމަ ދަތުގެ ބަލީގެ ސިއްޙީ މާހިރެއްގެ އިރުޝާދު ހޯދުމަށްފަހު އަމަލުކުރުމަށް އިސްކަން ދިނުން ވަރަށް މުހިންމެވެ.
