ތެލުގެ ބާވަތްތައް ފޯރުކޮށްދިނުމަށް އެދި ދިވެހިރާއްޖެ، ބަންގްލަދޭޝް އަދި ސްރީލަންކާއިން އިންޑިއާ ސަރުކާރުގައި އެދިފައިވާކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލްއެވެ. އޭނާ ވިދާޅުވި ގޮތުގައި، މި ތިން ގައުމުން ވެސް ވަނީ ޕެޓްރޯލިއަމްގެ ބާވަތްތައް ހޯދުމަށް އިންޑިއާ ސަރުކާރުގެ އެހީތެރިކަމަށް އެދިފައެވެ.

އެގޮތުން ބަންގްލަދޭޝްއިން ޑީސަލް ފޯރުކޮށްދިނުމަށް އެދިފައިވާކަން ފާހަގަކުރައްވައި، ޖައިސްވާލް ވިދާޅުވީ އެ ހުށަހެޅުން މިހާރު ދިރާސާކުރަމުންދާ ކަމަށެވެ. އަދި ބަންގްލަދޭޝްއަކީ އިންޑިއާއާ ގާތް ގުޅުމެއް އޮންނަ، ތަރައްގީގެ މުހިންމު ބައިވެރިއެއް ކަމަށާއި، 2007 ވަނަ އަހަރުން ފެށިގެން އެ ގައުމުގެ 'ނުމާލީގަޅް' ރިފައިނަރީން ބަންގްލަދޭޝްއަށް ޑީސަލް ފޯރުކޮށްދެމުންދާކަން ޖައިސްވާލް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، 'ބަންގްލަދޭޝް-އިންޑިއާ ފްރެންޑްޝިޕް ޕައިޕްލައިން' މެދުވެރިކޮށް ހައި-ސްޕީޑް ޑީސަލް ސަޕްލައި ކުރުމަށްޓަކައި 2017 ވަނަ އަހަރު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ވެސް މަސައްކަތްތައް ކުރިއަށްދާކަން ޖައިސްވާލް ވަނީ ފާހަގަކުރައްވާފައެވެ.

ޖައިސްވާލް އިތުރަށް ވިދާޅުވީ، ބަންގްލަދޭޝްގެ އިތުރުން ދިވެހިރާއްޖެއާއި ސްރީލަންކާ ފަދަ އަވަށްޓެރި ގައުމުތަކުން ހުށަހަޅާފައިވާ މިފަދަ އެދުންތަކަށް ރިއާޔަތްކޮށް އެކަންކަމާ މެދު މިހާރު ގޮތްތަކެއް ނިންމުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މެދުއިރުމަތީގެ ހަމަނުޖެހުމާއެކު ދިވެހިރާއްޖޭއަށް ތެލާ ގޭހުގެ އަގުތައް މައްޗަށް ދިޔަނަމަވެސް އެތަކެތި ލިބުމުގައި އެއްވެސް ދަތިކަމެއް ނެތްކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ ވިދާޅުވެފައެވެ. އެގޮތުން ތެލުގެ އަގާ ބެހޭގޮތުން އިތުރަށް މިނިސްޓަރު ވިދާޅުވީ ހަނގުރާމަ ފެށުނު އިރާ ބަލާއިރު މިހާރު ތެލުގެ އަގު ހުރީ ޑަބަލް ބޮޑުކޮށް ކަމަށެވެ.

އަދި ތެލުގެ އަގު މައްޗަށް ދިޔަ ނަމަވެސް، ރައީސްގެ ވިސްނުންފުޅު ހުރީ އާންމުންނަށާއި ވިޔަފާރިތަކަށް ވެސް ގެއްލުން ނުވާނެ ގޮތަށް ތެލުގެ އަގު ގެންގުޅުމަށް ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ. އެގޮތުން ސަރުކާރުގެ ސަބްސިޑީގެ އިތުރުން، އެސްޓީއޯއަށް ލިބޭނެކަމަށް ލަފާ ކުރެވޭ ފައިދާގެ ތެރެއިން ބައެއް ސަބްސިޑައިޒްކުރަން މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.