ބަލި މީހުންގެ ނަމުގައި ހިންގާ "މެޑިކަލް ސްކޭމް" ތަކަށް ސަމާލުވުމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އިލްތިމާސްކޮށްފިއެވެ.
އެ ސެންޓަރުން ބުނީ ފަހަކަށް އައިސް ފޭސްބުކްގެ އިތުރުން ސޯޝަލް މީޑިއާގެ އެކި މަންސަަތަކުގައި ބަލި މީހުންގެ ފޮޓޯ ބޭނުންކޮށްގެން މެޑިކަލް އެހީއަށް އެދި ކުރާ ޕޯސްޓުތައް ވަރަސް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ހިމެނޭޭ ގިނަ ޕޯސްޓުތަކަކީ މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ހިންގާ ސްކޭމް ކަމަށް ފުލުހުން ބުނެއެވެ.
އެންޓި ސްކޭމް ސެންޓަރުން ބުނީ އެކި ވެބްސައިޓުތަކުން ބަލި މީހުންގެ ފޮޓޯ ނަގައިގެން ބޭނުންކޮށް މީހުންގެ އިހުސާސްތަކާ ކުޅެން މަސައްކަތްކުރާ ކަމަށެވެ. ކުޑަކުދިންގެ އިތުރުން ބޮޑެތި ބަލިތަކުގެ ވާހަކަ ދައްކައިގެން މީހުންގެ ހަމްދަރުދީ ހޯދުމަށް، މަކަރުން ފައިސާ ހޯދާ މީހުން މަސައްކަތްކުރާ ކަމަށް ފުލުހުން ބުނެއެވެ.
އެގޮތުން ސްކޭމަރުން ބޭނުން ކުރާ އުކުޅުތަކުގެ ތެރޭގައި، އިންޓަނެޓުންނާއި ރާއްޖޭން ބޭރުގެ ވެބްސައިޓްތަކުން ބަލިމީހުންގެ ފޮޓޯ ނަގައިގެން ބޭނުންކުރުމާއި ކުޑަކުދިންނާއި ބޮޑެތި ބަލިތަކުގެ ވާހަކަ ދައްކައިގެން މީހުންގެ ހަމްދަރުދީ ހޯދުން ހިމެނެއެވެ. އަދި މީގެ އިތުރުން ވެސް ޕޯސްޓްގައިވާ ނަންބަރަށް ގުޅުމުން ފޯނު ނުނެގުން ނަމަވެސް މެސެޖަށް ޖަވާބުދިނުން ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ކޮށްފައިވާ ޕޯސްޓެއްގައި ވަނީ މީހަކު ހިންގާ ސްކޭމެއްގެ ސްކްރީންޝޮޓުތަކެއް ވެސް ހިއްސާކޮށްފަ އެވެ. އޭގައި ވަނީ އޭނާގެ އުމުރުން ތިން އަހަރުގެ ބަލި ކުއްޖަކު ހުންނަ ކަމަށާއި އޭނާއަކީ އެކަނިވެރި މައެއް ކަމަށް ބުނެފަ އެވެ. އަދި ޕޯސްޓުގައި ވަނީ ނަމާއި އައިޑީކާޑު ނަމްބަރެއްގެ އިތުރުން، އޭނާއަކީ ނޭވާޔަށް އުނދަގޫވާ ބައްޔެއް ތަހައްމަލުކުރަމުން އަންނަ މީހެއް ކަމަށް ވެސް ބުނެފައި ވެއެވެ.
އެ ސްކޭމްތަކުން ރައްކާތެރިވުމަށް ފައިސާ ފޮނުވުމުގެ ކުރިން އެ ނަންބަރަށް ގުޅައި ވާހަކަ ދެއްކުމަށް ސްކޭމް ސެންޓަރުން އެދިފައި ވެއެވެ. އަދި ފޮޓޯއަކީ ސައްހަ ފޮޓޯއެއްތޯ ބެލުމަށާއި ގޫގުލް ރިވާސް އިމޭޖް ސާޖްކޮށްލުމަށް ވެސް ފުލުހުން އެދެއެވެ.
ޔަގީންނުވާ ޕޯސްޓްތައް ޝެއާ ކުރުމަކީ އިތުރު ބަޔަކު މީގެ މަޅީގައި ޖެހުމަށް ދެވޭ ދައުވަތެއް ކަމަށާއި އެހެންކަމުން އެފަދަ ޕޯސްޓްތައް ޝެއާ ނުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.
