މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، ޢުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ގޮސް އުޅޭ ދިވެހިންނާއި، ދާން ތައްޔާރުވާ ފަރާތްތަކުން ދަތުރުފަތުރުގެ ކަންކަމުގައި އިތުރަށް ސަމާލުވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިލްތިމާސްކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސް ބަޔާނުގައި ބުނީ، މެދުއިރުމަތީގެ މަސްރަޙަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން އުމްރާވެރިންގެ ދަތުރުފަތުރުގެ ކަންކަމަށް ޙާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މި ވަގުތު މައްކާގައި ތިބި ދިވެހި އުމްރާވެރިންގެ ކަންކަން އެ މިނިސްޓްރީން ވަރަށް ގާތުން ބަލަމުންދާ ކަމުގެ ޔަގީންކަން ވެސް ވަނީ ދީފައެވެ.

މި ހާލަތާ ގުޅިގެން ޚާއްސަ ކަމެއް މެދުވެރިވެއްޖެ ނަމަ، ސައުދީ އަރަބިއްޔާގެ ރިޔާޟުގައި ހުންނަ ދިވެހި އެމްބަސީގެ ހޮޓްލައިން ނަންބަރު 966506894477+ އަށް ނުވަތަ ޖިއްދާގައި ހުންނަ ދިވެހި ކޮންސިއުލޭޓްގެ ހޮޓްލައިން ނަންބަރު 966530838329+ އަށް ވީ އެންމެ އަވަހަކަށް ގުޅައި މަޢުލޫމާތު ހިއްސާކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

މީގެ އިތުރުން، ޢުމްރާވެރިންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި އިސްލާމިކް މިނިސްޓްރީގައި ހާއްސަ ހޮޓްލައިން ނަންބަރެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެ ނަންބަރު ގާއިމުކޮށް ނިމުމުން ރަސްމީކޮށް އިއުލާނު ކުރާނެ ކަމަށް ވެސް ބަޔާނުގައިވެއެވެ.

އިސްލާމިކް މިނިސްޓްރީން އިތުރަށް ނަސޭހަތްތެރިވެފައިވަނީ، ޢުމްރާ ދަތުރުތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމާއި، ކަމާގުޅުންހުރި ރަސްމީ އިދާރާތަކުންނާއި ސައުދީ ސަރުކާރުން ނެރޭ އިރުޝާދުތަކަށް ފުރިހަމައަށް ބޯލަނބައި ސަމާލުކަން ދިނުމަށެވެ. މެދުއިރުމަތީގައި އިސްރާއީލުން ފަށާފައިވާ އުދުވާންތަކާ ގުޅިގެން ސަރަހައްދީ މަސްރަޙު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނަށް ހަމަލާތަށް ދޭން ފެށީ އިއްޔެ ހެނދުނެވެ. އެ ހަމަލާތަކާއި ގުޅިގެން އީރާނުން ވެސް ދަނީ ހަމަލާތަށް ދެމުންނެވެ. އެގޮތުން އެމެރިކާގެ އަސްކަރިއްޔާ ގާއިމްވެފައިވާ މެދު އިރުމަތީގެ ސަރަހައްދުތަކަށް ހަމަލާތަށް ދަނީ ދެމުންނެވެ. އެއާއިއެކު މުޅި މެދުއިރުމަތީގެ ހާލަތު ގޯސްވެ، ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަނީ އުފެދިފައެވެ.