މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އެ ގައުމުތަކަށް ދަތުރުކުރާ ފަރާތްތަކުން އެއާޕޯޓަށް ދިއުމުގެ ކުރިން ފްލައިޓްގެ މައުލޫމާތު ބެލުމަށް އެމްއޭސީއެލް އިން އެދެފިއެވެ.

ރާއްޖޭގެ މައި އެއާޕޯޓް ހިންގަމުންދާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިފަދައިން އެދިފައި ވަނީ މިއަދު ނެރުނު ޓްރެވަލް އެޑްވައިޒަރީއެއްގައެވެ.

އެގޮތުން މެދުއިރުމަތީގެ ގިނަ ގައުމުތަކުގެ ވައިގެ ސަރަހައްދު ވަގުތީގޮތުން ބަންދު ކުރުމާއި ގުޅިގެން އެ ސަރަހައްދުގެ ގައުމުތަކަށް ދަތުރު ކުރާ ހުރިހާ ފަރާތްތަކުންވެސް އެެއާޕޯޓަށް ދިޔުމުގެ ކުރިން، އެ ފަސިންޖަރަކު ފުރުމަށް ހަމަޖެހިފައިވާ ފްލައިޓްގެ މައުލޫމާތު އެއާލައިންގެ ވެބްސައިޓާއި ޓުއާ އޮޕަރޭޓަރުން މެދުވެރިކޮށް ހޯދުމަށް އެދިފައި ވެއެވެ.

މީގެ އިތުރުން ވެސް ފަސިންޖަރުން ސަމާލުކަން ދޭން ޖެހޭ މުހިންމު ކަންކަން:

  • ދަތުރު ކުރާ އެއާލައިންގެ ވެބްސައިޓް ނުވަތަ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދަތުރުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުން
  • ޓުއަ އޮޕަރޭޓަރުން މެދުވެރިކޮށް ދަތުރު އަދި ފްލައިޓްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމާއެކު އެ ފަރާތްތަކުން ފޯރުކޮށްދޭ އިރުޝާދުތަކަށް ތަބާވުން
  • ދުރާލާ ދަތުރުގެ ކަންކަން ރޭވުން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އޮޕަރޭޓް ކުރާ ފްލައިޓްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް މި ލިންކް ބޭނުން ކުރުމަށް އެދިފައި ވެއެވެ.

މެދުއިރުމަތީގެ މަސްރަހު ހޫނުވެފައި ވަނީ އިޒްރޭލާއި، އެމެރިކާއިން އީރާނަށް ހަމަލާ ދޭން ފެށުމުންނެވެ. އިރާނުގެ ތެހެރާނަށް ދިން ހަމަލާ އަމާޒުކޮށްފައިވަނީ ރައީސް އޮފީހާއި ގައުމީ ސަލާމަތީ ކަންކަމާ ބެހޭ އޮފީސްތައް ހުންނަ ޕާސްޗަ ސްޓްރީޓްގެ އިތުރުން ސުޕްރީމް ލީޑަރުގެ ކޮމްޕައުންޑާއި އަދި އެސެމްބްލީ އޮފް އެކްސްޕާޓްސް ކައިރިއަށެވެ.

މި ހަމަލާއާއި އެކު އިޒްރޭލުން އިރާނާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފައިވާއިރު، އިޒްރޭލުން ވަނީ އެގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ. އަދި މުޅި އިޒްރޭލުގައި ސައިރަން އަޅާފައިވާއިރު އިޒްރާލުން މިހާރު ވަނީ ފަލަސްތީނުގެ ވައިގެ ސަރަހައްދުވެސް ބަންދުކޮށްފައެވެ.