އިޒްރޭލުން އީރާނަށް ހަމަލާދިނުމާ ގުޅިގެން މެދުއިރުމަތީ މިހާރު ފެށިފައިވާ ހަނގުރާމައިގައި އެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިން ހާއްސަ ސަމާލުކަމެއް ދިނުމަށް ފޮރިން މިނިސްޓްރީން އެދެފިއެވެ.
އެ މިނިސްޓްރީން ވަނީ މެދުއިރުމަތީގައި މިއަދު ފަށާފައި މިވާ ހަގުރާމައާ ގުޅިގެން، މެދުއިރުމަތީގެ ގައުމުތަކުގައި ދިރިއުޅޭ އަދި ދަތުރުކުރާ އެންމެހާ ދިވެހިން ސަލާމަތާ ރައްކާތެރިކަމަށް އަހައްމިއްޔަތުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.
އަދި ހާއްސަކޮށް ހަމަލާ އަމާޒުވަމުންދާ ގައުމުތަކުގައި މިވަގުތުތިބި ދިވެހިން ބޭރުތެރެއަށް ނުކުމެ އުޅުން ވީހާވެސް މަދުކުރުމަށާއި އެގައުމެއްގެ ސަރުކާރުން ސަލާމަތާ ރައްކާތެރިކަމަށް ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް ވެސް އެދިފައި ވެއެވެ.
އަދި ހަމަ އެހެންމެ ސަރަހައްދުގައި މިވަގުތު ތިބި ދިވެހިންގެ ހާލަތު، ފޮރިން މިނިސްޓްރީންނާއި މެދުއިރުމަތީގައި ހުންނަ ރާއްޖޭގެ އެމްބަސީތަކުން ގާތުން ބަލަމުންދާކަން ފާހަގަކޮށް މިނިސްޓްރީން ވަނީ، ބޭނުންވެއްޖެ ހިނދެއްގައި ކޮންސިއުލާ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން، އެ ސަރަޙައްދުގައި އުޅޭ އެންމެހާ ދިވެހިން ވީ އެންމެ އަވަހަކަށް އެންމެ ކައިރީގައި ހުރި ދިވެހިރާއްޖޭގެ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އެދިފައެވެ.
އިޒްރޭލާއި އީރާނާއި ދެމެދު ހަނގުރާމަ ފަށާފައިވަނީ އެމެރިކާގެ އެހީއާއި އެކު އިޒްރޭލުން އީރާނަށް މިއަދު ހެނދުނު ދޭން ފެށި ހަމަލާތަކާއި ގުޅިގެންނެވެ. އެ ހަމަލާތައް ވަރުގަދަވެ، ފުލުފުލުގައި ހަމަލާތައް ދެމުން އަންނައިރު، އީރާނުން ފޮނުވާލި ބައެއް ހަމަލާތައް ހުއްޓުވުމަށް މެދުއިރުމަތީގެ ގައުމުތަކުން ވަނީ އިޒްރޭލަށް އެހީވެފައެވެ.
މެދުއިރުމަތީގެ މަސްރަހު ގޯސްވުމާއި ގުޅިގެން މިހާތަނަށް 10 އަށްވުރެ ގިނަ އެއާލައިންތަކުން ވަނީ ދަތުރުތައްވެސް ހުއްޓާލާފައެވެ.
ކެންސަލް ކުރި ފްލައިޓްތަކުގެ ތެރޭގައި ހިމެނެނީ އެމިރޭޓްސް، އިއްތިހާދު އެއާވޭސް، ޤަތަރު އެއާވޭސް އަދި ފްލައި ދުބާއީއެވެ. އެ ފްލައިޓްތަކުގެ މަންޒިލްތަކުގެ ތެރޭގައި ހިމެނެނީ ދުބާއީ، އަބޫދާބީ، ދޯހާ ފަދަ މެދުއިރުމަތީގެ މަންޒިލްތަކެވެ. މި ފްލައިޓްތަކުގެ އިތުރުން ވެސް އެމިރޭޓްސްގެ އިތުރު ދަތުރުތައް ވެސް ވަނީ ކެންސަލް ކޮށްފައެވެ.
