އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީފައި ވަނިކޮށް ރައްދުގައި އީރާނުން އިޒްރޭލަށް ހަމަލާދޭން މިސައިލްތަކެއް ފޮނުވާލައިފިއެވެ.

ހަބަރުތައް ބުނާގޮތުން އީރާނުން ފޮނުވާލި ހުރިހާ މިސައިލެއް، އިޒްރޭލާއި އެމެރިކާގެ ދިފާއީ ނިޒާމުތަކުން ވަނީ ވައިގެ ތެރޭގައި ގޮއްވާލައިފައެވެ. އޭގެ ތެރެއިން ބައެއް މިސައިލްގެ ބައިތައް އިޒްރޭލުގެ އުތުރަށް ވެއްޓުނު އިރު ގަލްފުގެ ބައެއް ގައުމުތަކަށް ވެސް ވެއްޓިފައި ވާ ކަމަށް މެދުއިރުމަތިގެ ހަބަރުތައް ބުނެއެވެ.

މީހަކަށް އަދި ތަކެއްޗައް ގެއްލުން ވާ ވަރާ ގާތަށް ވެސް އީރާނުގެ މިސައިލް ފޯރާފައެއް ނުވެއެވެ. އިޒްރޭލުގެ އުތުރަށް ވެއްޓުނު ބައިތަކުންވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.

ބެއިރޫތުގެ އިދާރާތަކުން ބުނާގޮތުން އީރާނުގެ މިސައިލެއްގެ ނުރައްކާ، އެގައުމުގައި ގާއިމުވެ އޮންނަ އެމެރިކާގެ ބޭސްއަކަށް ފާހަގަވެފައި ވެއެވެ. ނަމަވެސް އެއިން ވީ އެއްވެސް ކަމެއް ނެތެވެ.

އަދި ކްވެއިތާއި، ގަތަރުގެ އިތުރުން ޔޫއޭއީ އިންވެސް މިސައިލެއް ނުވަތަ ނުރައްކަލެއްގެ ސައިރަން އަޅާފައި ވެއެވެ. ހަބަރުތައް ބުނާގޮތުން އެ އެލާޓުގެ މާބޮޑު ތަފްސީލުތަކެއް އަދި ނެތެވެ.

އެމެރިކާއާއި އިޒްރޭލުން އީރާނުގެ ވެރިރަށް ތެހެރާނާއި ތެހެރާނުގެ ބޭރުން ބައެއް ސިޓީތަކަށް ވަރުގަދަ ދިން ހަމަލާގައި ބައެއް އިމާރާތްތައް މިހާރުވެސް ދަނީ އަނދަމުންނެވެ. އޭގެ ތެރެއިން އެއް ހަމަލާއެއް އަމާޒު ކުރީ އީރާނުގެ ރޫހީ ލިޑަރު އާޔަތުﷲ އަލީ ހާމަނާއީގެ އޮފީހާ ދާދި ކައިރިއަށެވެ. އެ ހަމަލާގައި ހާމަނާއީ އަށް އެއްވެސް ގެއްލުމެއް ވެފައި ނުވާ ކަމަށް އިރާނުގެ އިސްވެރިން މައުލޫމާތު ދެއްވައެވެ.

އިތުރު ހަމަލާތައް އަމާޒު ކުރި ތަންތަނުގެ ތެރޭގައި އީރާނުގެ ޔުނިވާސިޓީ ރޯޑާއި ގުއާމް، ތަބްރީޒް، ކަރަޖް، ކަރްމަންޝާހް، ލޮރެސްޓަން ޕްރޮވިންސް، އިސްފަހާން އަދި އިއްލާމް ހިމެނެއެވެ.

އީރާނުން ބުނާ ގޮތުން މިހާރު 'ރަތް ރޮނގެއް' ނެތެވެ. އެމެރިކާ އާއި ބައިވެރިން ޗިސްޗިސް ވާވަރުގެ ހަމަލާތައް ދޭނެެއެވެ.

މީގެ ކުރިން އިޒްރޭލާއި އީރާނުން 12 ދުވަހުގެ ހަނގުރާމައެއް ކުރި އިރު، އީރާނުން ވަނީ އިޒްރޭލުގެ ދިފާއު ފޫއަޅުވާލައި އެންމެ އެތެރެއަށް ވެސް މިސައިލް ހަމަލާ ދީފައެވެ. އެ ފަހަރު އިޒްރޭލަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން ދިޔައެވެ. އެފަހަރުގެ ހަނަގުރާމައިގައި އެމެރިކާއިން ސީދާ މައިދާނުގައި ހަރަކާތަތެރިވެ އިޒްރޭލު ވަށާ ދިފާއު އަތުރައިގެން ހަރަކާތްތެރިވެފައެއް ނުވެއެވެ.

ނަމަވެސް މިފަހަރު އިޒްރޭލު ވަށައިގެން އެމެރިކާގެ އެންމެ ޒަމާނީ ހަތިޔާރާއި ދިފާއު ރުކުރުވާލާފައި ވުމުގެ ސަބަބުން އީރާނުގެ ހަމަލާތަކަށް ހުރަސް އެޅިގެން ދާ ކަމަށް މުރާސިލުން ބުނެއެވެ.

އީރާނަށް ހަމަލާދޭން ފެށިކަން އިއުލާން ކުރައްވައި އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވަނީ، އީރާނުގެ އަސްކަރިއްޔާ ހަތިޔާރު ބަހައްޓާ އަމާން ދިނުން ނޫނީ މަރު ކަމަށެވެ. ކުރިއަށް އޮތް 4 ދުވަހު ފިސާރި ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށާއި އެއީ މީގެ ކުރިން ދުނިޔެ ދެކެފައި ނުވާވަރުގެ ހަމަލާތަކަކަށް ވާނެ ކަމަށް ވެސް ވިދާޅުވެއެވެ. ހަމަ މި މޭރުމުން ވާހަކަ ދައްކަމުން އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ބުނެފައި ވަނީ، އީރާނަކީ އެމެރިކާއާއި އިޒްރޭލާއި މުޅި ސަރަހައްދަށް އޮތް ނުރައްކަލެއް ކަމަށާއި، އީރާނުގެ ރައްޔިތުން އަމިއްލައަށް ގޮތް ނިންމަން ޖެހޭވަރުގެ ގިލަންވެރިކަން ޖައްސާނެ ކަމަށެވެ.

އެމެރިކާ އާއި އިޒްރޭލުގެ ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ގައުމުތަކުން އަދި އދ އިން މާބޮޑު އެއްޗެއް ނުބުނެއެވެ.