ހޯމް މިނިސްޓަރު އަލީ އިހުސާންގެ އަނބިކަނބަލުންނާއި ދަރިފުޅުގެ ވީޑިއޯއެއް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ނެގި, ކަމަށް މިނިސްޓަރު ތުހުމަތުކުރައްވައިފިއެެވެ.

ރޭ ދަންވަރު މިނިސްޓަރު އިހްސާން ކުރެއްވި ޕޯސްޓުގައި ވަނީ، އިއްޔެ ހަވީރު އިބްރާހިމް ވަހީދާއި އަކްރަމް, އޭނާގެ އަނބިކަނބަލުންނާ، 10 އަހަރުގެ ދަރިފުޅު މަގުމަތިން ދަނިކޮށް ވީޑިއޯކޮށްފައިވާ ކަމަށް ވިދާޅުވެ ކުރު ސީސީޓީވީ ފުޓޭޖެއް އާންމުކޮށްފައެވެ.

މިނިސްޓަރު އާންމުކުރެއްވި ވީޑިއޯ އިން ފެންނަ ގޮތުގައި، އިބްރާހިމް ވަހީދު ވީޑިއޯއެއް ނަގާއިރު، އޭނާގެ ކައިރީގައި އަކްރަމް ހުންނަވައެވެ. އަދި އެ ވަގުތު އެ ތަނުގައި އިތުރު މީހަކު އެ ދެމީހުން ކައިރީ ސައިކަލެއްގައި މަޑުކޮށްލައިގެން އިންނަ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.

އެމީހުން ނެގިކަމަށް މިނިސްޓަރު އިހްސާން ތުހުމަތުކުރައްވާ ވީޑިއޯ ވަނީ ކާކުކަން ނޭނގޭ އެކައުންޓަކުން ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައެވެ. މި ވީޑިއޯ އިން ފެންނަނީ އަންހެނަކާ ކުޑަ ދެ ކުދިން މަގުމަތިން ހިނގާފައި ދާ މަންޒަރެވެ. އަދި އެމީހުންނާއެކު އިތުރު ފިރިހަނަކުވެސް ހިނގާފައި ދާ މަންޒަރު ފެނެއެވެ.

މި ހާދިސާ އާއި ގުޅިގެން މިނިސްޓަރު ވިދާޅުވީ ޑިމޮކްރެސީ އާއި އަންހެނުންނާ ކުޑަކުދިންގެ ހައްގުތަކުގެ ހިމާޔަތުގައި ވަކާލާތުކުރާ ބަޔަކު އެފަދަ ދަށު ދަރަޖައިގެ ކަންކަން ކުރުމަކީ ހިތަމާހުރި ކަމެއް ކަމަށެވެ. އަދި، އެމްޑީޕީއަކީ، ޒަމާނުއްސުރެ މުޖުތަމައު ބައިބައިކުރުމުގެ ސިޔާސީ އަމަލުތައް ދައްކާ ޕާޓީއެއްކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

މި ވީޑިއޯ ގެ މައްސަލަ ކަމާއި ގުޅޭ އިދާރާތަކަށް ހުށަހެޅިކަން އަދި ސާފުވެފައި ނުވާއިރު މިކަމާއި ގުޅިގެން އިބްރާހީމް ވަހީދު އާއި އަކްރަމް އަދި ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.