އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދި މައްސަލައާ ގުޅިގެން އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި ޝަމްއާން ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގައި އޭނާގެ މައިންބަފައިންނާއި އަނބިމީހާ ހެކިބަސްދީފިއެވެ.

މަގާމުގެ ނުފޫޒު ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދި ކަމަށް ތުހުމަތު ކުރެވޭ މި މައްސަލައާ ގުޅިގެން އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކޮށް ޝަމްއާން ހައްޔަރުކުރީ މިދިޔަ މާޗު މަހުގެ 22 ވަނަ ދުވަހުއެވެ.

މި މައްސަލައާ ގުޅިގެން ޝަމްއާންގެ މައްޗަށް ތިން ދައުވާއެއް އުފުލައިފައިވެއެވެ. އެއީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑްރިންގެ ދައުވާއެވެ.

މި މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ޝަމްއާންގެ ފަރާތުން 10 މީހެއް ހެކިންގެ ގޮތުގައި ހުށަހަޅާފައިވެއެވެ. އޭގެތެރޭގައި އޭނާގެ މައިންބަފައިންނާއި އަނބިމީހާ ހިމެނޭއިރު، މި މީހުން ހެކިބަސް ދީފައިވަނީ ޝަމްއާން ނަގާފައިވާ ސްޓޫޑެންޓް ލޯނަށް ފައިސާ ދައްކާފައިވާ ކަމާއި އެ ފައިސާއަކީ އޭނާއަށް އޭނާގެ ބައްޕަ ދިން ފައިސާތަކެއް ކަން ސާބިތުކުރުމަށެވެ.

އެގޮތުން ޝަރީއަތުގައި ޝަމްއާންގެ ބައްޕަ އިބްރާހިމް ވަހީދު ވަނީ ޝަމްއާންގެ ލޯނު ނުދައްކާ އޮތުމުން އެ ލޯނު ދައްކަން އޭނާ އަށް 3 ލައްކަ ރުފިޔާ ދީފައިވާނެ ކަމަށާއި، އެ ފައިސާ ދިނީ ނަގުދު ފައިސާގެ ގޮތުގައި ކޮތަޅަކަށް ލާފައި ކަމަށް ބުނެފައެވެ. އަދި އޭނާއަކީ ފިހާރަ އާއި ކެފޭ ހިންގައިގެން ފައިސާ ހޯދާ އަދި އެޕާޓްމެންޓް ކުއްޔަށް ދީގެން ވެސް އާމްދަނީ ލިބޭ މީހެއްކަން ފާހަގަކކޮށްފައިވާއިރު ޝަމްއާންގެ މަންމަވެސް ވަނީ އެ މަސައްކަތުން އެ މީހުންނަށް ރަނގަޅު އާމްދަނީއެއް ލިބޭ ކަމުގައި ބުނެފައެވެ.

މީގެއިތުރުން ޝަމްއާންގެ އަނބިމީހާ އިދުފާ ފާއިޒު ހެކިބަސް ދެމުން ބުނީ ޝަމްއާންގެ ބައްޕަ ފައިސާ ދިން ތަނުގައި އޭނާވެސް ހުރި ކަމަށެވެ. އަދި ޝަމްއާންގެ ކާރެއްވެސް ވިއްކާލައިގެން އޭނާ އަށް ނަގުދު ފައިސާތަކެއް ލިބުން ކަން ފާހަގަކޮށް އިދުފާ ބުނީ އެ ކާރު ވިއްކާލައިގެން އެޑްވާންސް ޕޭމެންޓްގެ ގޮތުގައި 10،000 ޑޮލަރާއި 250،000ރ. ލިބުނު ކަމަށެވެ.

މި މައްސަލައިގައި ޝަމްއާން ވަހީދު ބަންދުން ދޫކޮށްލުމަށް މިދިޔަ ޑިސެމްބަރު މަހު ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ. ޝަމްއާން ވަހީދު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެކަމަށް އެދުމާ ގުޅިގެންނެވެ.

ޕީޖީ އޮފީހުން ބުނީ ޝަމްއާންގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ދައުވާތަކާ ގުޅިގެން މައިގަނޑު ހެކިންގެ ހެކިބަސް ނަގައި ނިމިފައިވާ ކަމަށެވެ. އެހެންކަމުން ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު ކުޑަވެފައިވާ ކަމަށް ފެންނާތީ ޝަރުތުތަކަކާއެކު އޭނާ ބަންދުން ދޫކޮށްލުމަށް ދައުލަތުން ކޯޓުގައި އެދިފައިވާ ކަމަށެވެ.