މާލެގެ ވެމްކޯ ސައިޓްގައި ހިނގި ހާދިސާއެއްގައި އަނިޔާވި އެ ކުންފުނީގެ މުވައްޒަފެއްގެ ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، މި ހާދިސާ ހިނގާފައި ވަނީ މި މަހުގެ 22 ވަނަ ދުވަހު މާލޭގައި ހުންނަ ވެމްކޯ ސައިޓް ތެރޭގައި ކަމަށެވެ. މި ހާދިސާގައި އެ ތަނުގެ މުވައްޒަފަކަށް ބޮޑެތި އަނިިޔާތަކެއް ލިބިފައިވާ ކަން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މި މަހުގެ 23 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި ހާދިސާގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ އިރު އޭނާ އޮތީ ވެންޓިލޭޓަރުގައި ކަމަށް ކަމަށް ވެސް ފުލުހުން ބުނެއެވެ. އަދި މި ަމއްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާގެ އިތުރު ތަފްސީލެއް ފުލުހުން ދީފައި ނުވި ނަމަވެސް ސޯޝަލް މިޑިއާގައި މި ހާދިސާއާ ގުޅިގެން މައުލޫމާތު ހިއްސާ ކުރި ފަރާތަކުން ބުނީ މި ހާދިސާ ހިނގާފައި ވަނީ ފެބްރުއަރީ 22 ވަނަ ދުވަހުގެ ރޭ ދަންވަރު 3 ޖަހާކަށް ހާއިރު ކަމަށެވެ. ވެމްކޯ ވެހިކަލްގެ ޑަމްޕް ކުރާ ރޭމްޕް މަތިން ކޮންޓެއިނަރު ތެރެއަށް ޑްރައިވަރެއް ވެއްޜުނު އިރު އެމީހާ ވެއްޓުނީ 12 ނުވަތަ 13 ފޫޓު މަތިން ކަމަށް ވެސް އެ ފަރާތުން ބުނެފައި ވެއެވެ.
މިހާތަނަށް ފުލުހުން ހިއްސާ ކުރި މައުލޫމާތަށް ބަލާއިރު އަނިޔާވި މީހާއާ ބެހޭ އިތުރުތަފްސީލެއް ވެސް ހާމައެއް ނުކުރެއެވެ. އަދި މިކަމާ ގުޅިގެން ވެމްކޯގެ ބަހެއް ވެސް ލިބިފައެއް ނުވެއެވެ.
