އިހު ޒަމާނުގައި ރާއްޖޭގައި ބޭސް ފަރުވާ ކުރުމުގެ ކަންކަމުގައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނެވެ. ރަށްރަށުގައި ޑޮކްޓަރުންނާއި ނަރުހުން ނުވަތަ ހެލްތް ވޯކަރުން ނެތް ދުވަސްވަރު އެފަދަ ކަންކަމުގައި މަސައްކަތް ކޮށް އުޅުނީ ފޫޅުމައިންނެވެ. ފޫޅުމައިން އެ ޒަމާނުގައި ކުރި މަސައްކަތަކީ ބުރަ މަސައްކަތެކެވެ. ނަމަވެސް އެ މަސައްކަތް އެ މީހުން ކޮށް އުޅުނީ އެއްވެސް އުޖޫރައެއް ނުނަގާ އިންސާނިއްޔަތައްޓަކައެވެ.

އިންސާނިއްޔަތައްޓަކައި މިފަދަ މަސައްކަތް ކޮށް އުޅުނު މީހުންނަކީ އޭރު ރަށްރަށުގައި މީހުންގެ ލޯތްބާއި އިހްތިރާމާއި ގަދަރު ލިބިގެން ދިޔަ މީހުންނެވެ. ދިގު މުއްދަތެއް ވަންދެން ފޫޅުމައެއްގެ މަސައްކަތް ކުރި މީހުންގެ ތެރެއިން މިއަދު 'ދަ ޕްރެސް' މީހުން ސެގްމެންޓްގައި މި ގެނެސްދެނީ އއ. އުކުޅަހުގެ ފޫޅުމައެއް ކަަމަށްވާ އުމުރުން 69 އަހަރުގެ ރަމްލާ ހަސަންގެ ވާހަކައެވެ. އޭނާގެ މަސައްކަތުގެ ދިގު މުއްދަތުގައި ކުރި ތަފާތު ތަޖުރިބާތަކާއި އޭނާގެ ހަޔާތުގެ މުހިއްމު ވާހަކަތަކެވެ.

ފޫޅުމައި ކަން ދަސްކުރީ އާއިލާ ތެރެއިން އެ މަސައްކަތް ނެތިގެން ގޮސްދާނެތީ

ރަމްލާ މި މަސައްކަތް ފެށީ އޭނާގެ ބައްޕަ ފަރާތު ބޮޑު ދައިތައެއްގެ އެދުމުގެ މަތިންނެވެ. އެ ބޮޑު ދައިތައަކީ ގިނަ ދުވަސްތަކެއް ވަންދެން ފޫޅުމައި ކަން ކުރި މީހެއް ކަމަށާއި ބޮޑު ދައިތަ މަރުވުމުގެ ކުރިން އެ މަސައްކަތް ކުރާނެ މީހަކު އާއިލާގައި ނުހުންނާނެތީ ރަމްލާ ގާތު އެ މަސައްކަތް ދަސްކުރުމަށް އެދުނެވެ.

ރަމްލާ ހަސަން، ފޫޅުމާ ފޮއްޓާއެކު / ފޮޓޯ: ދަ ޕްރެސް

ބޮޑު ދައިތަގެ އެދުމަކީ ވަރަށް ޒިންމާދާރު ބޮޑު މަސައްކަތެވެ. ފުރަތަމަ އެ މަސައްކަތް ކުރަން ނުކެރޭނެ ކަމަށް ރަމްލާ ބުނި ނަމަވެސް ބޮޑުދައިތަ ދިން ހިތްވަރާއެކު އެ މަސައްކަތް ކުރަން ރަމްލާ ނިންމިއެވެ. އެގޮތުން އެންމެ ފުރަތަމަ އޭނާ ވިއްސީ އެ ބޮޑުދައިތަގެ އެއްބަނޑު ކުއްޖެކެވެ. އެ ދުވަހު އޭނާ ކައިރީ ބޮޑު ދައިތަ ވެސް ހުރި ކަމަށާއި އެ ދުވަހަށް ފަހު ބޮޑުދައިތަ ނިންމީ މީހަކު ވިއްސަން އައުމަށް އެދިއްޖިއްޔާ ރަމްލާ ފޮނުވާށެވެ. އަދި އެ މަސައްކަތުގައި ބޮޑު ކަމެއް ދިމާވެއްޖިއްޔާ ބޮޑު ދައިތައަށް އެންގުމަށް ބުންޏެވެ. މިއީ ރަމްލާ ފޫޅުމައި ކަމުގެ ތެރެއަށް ވަދެވުނު ގޮތެވެ.

މި މަސައްކަތް ފެށި ދުވަސްވަރު ރަމްލާގެ މަންމަ ވެސް އިނީ ބަލިވެއެވެ. އޭރު މަންމަ އިނީ ދުވަސްފުރެން ކައިރިވެފައި ކަމަށާއި އެ ފަހަރު އޭނާގެ މަންމަ ވިއްސަން މަސައްކަތް ކުރީ ރަމްލާއެވެ. މަންމަ ވިއްސުމުގެ ކަންކަން ވެސް ދިޔައީ ވަރަށް ރަނގަޅަށް ކަމަށް ރަމްލާ ބުންޏެވެ.

"ފޫޅުމައިންނަކީ އިންސާނިއްޔަތައްޓަކައި ވަރަށް ބޮޑު ހިދުމަތެއް ކޮށްދިން ބައެއް"

އެ ޒަމާނުގައި ރަށްރަށުގައި ތިބޭ ފޫޅުމައިންނަކީ ސިއްހީ އެހީތެރިޔާ ކަމަށާއި ޑޮކްޓަރަކީ ވެސް އެމީހާ ކަމަށް ރަމްލާ ބުނެއެވެ. ވިހަން ބަނޑުގައި މީހަކު ރިއްސާ ނަމަ އެމީހާ ކައިރިއަށް ގޮސް އެރޭ ހަތަރުދަމު އެމީހާ ކައިރީ ހުންނަން ޖެހުނަސް ހުންނަ ކަމަށާއި އެމީހާއަށް ދޭން ޖެހޭ ހުރިހާ ހިދުމަތެއް ދޭން ހުންނަ ކަމަށް ރަމްލާ ބުނެއެވެ. މި މަސައްކަތް ކުރަން ފެށި ފަހުން އޭނާއަށް އެ ރަށުގެ އެންމެން ވެސް ވަރަށް ގަދަރު ކުރެއެވެ. އެންމެންގެ އިހްތިރާމާއި ލޯބި ލިބުނެވެ. މިއަދާ ހަމައަށް އައި އިރު ވެސް އެ ރަށުގައި އެންމެން ރަމްލާ ކުރި މަސައްކަތައް ތައުރީފްކޮށް އޭނާގެ ހިދުމަތުގެ އަގު ވަޒަން ކުރެއެވެ. މިއީ ރަމްލާގެ ހިތަށް ލިބޭ އެންމެ ބޮޑު ހަމަޖެހުމެއެވެ.

"ވަރަށް ބޮޑު އިންސާނީ ހިދުމަތެއް ކުރެވުނީމަ ވަރަށް ހިތްހަމަޖެހުން ލިބޭ. މީހުންގެ އަޅާލުމާއި އެހީތެރިކަމާއި ލޯބި އަޅުގަނޑުމެންނަށް ލިބޭތީ ވަރަށް އުފަލުން އެކަންތައްތައް ކުރަނީ. ފޫހިކަމެއް ނެތި ވަރަށް އުފަލާއެކީގައި ހުރިހާ އެންމެންވެސް މިކަމުގަ އުޅެނީ. އެހެންވީމާ ފޫޅު މައިންނަކީ އިންސާނިއްޔަތައްޓަކައި އަޅުގަނޑު ދެކެނީ ވަރަށް ބޮޑު ހިދުމަތެއް ކޮށްދިން ބައެއް ކަމަށް"
ރަމްލާ ހަސަން

އިހު ޒަމާނުގައި ކޮންމެ ރަށެއްގައި ފޫޅުމާ މީހަކު ނުތިބޭތީ އެކި ރަށްރަށަށް ވެސް މީހުން ވިއްސަން ދާން ޖެހުނު ކަމަށް ރަމްލާ ބުނެއެވެ. އެ ގޮތުން މަތިވެރި އާއި ފުޅަދޫ އާއި ފެރިދޫއަށް ވެސް ދާން ޖެހުނެވެ. ހަމައެއާއެކު ރަމްލާ ދޭ ހިދުމަތް ރަނގަޅު ކަން ފާހަގަކޮށް އެ ދުވަސްވަރު ތޮއްޑޫ ފަދަ ރަށްރަށުން ވެސް ބައެއް މީހުން ވިހަން އުކުޅަހަށް އާދެއެވެ. އެގޮތުން އަންނަ މީހުން ބައިތިއްބަނީ ރަމްލާ މެން ގޭގައި ކަމަށާއި އެމީހުން ވިހައިގެން އަނބުރާ ރަށަށް ދާންދެން މެހެމާންދާރީ އަދާކޮށް އެމީހުންގެ ކަންކަން އެންމެ ފުރިހަމައަށް ކޮށްދެވޭތޯ ރަމްލާ މަސައްކަތް ކުރެއެވެ.

ރަމްލާގެ އަތް މައްޗަށް ވަރަށް ގިނަ ކުދިން އުފަންވެފައިވާ ކަމަށާއި އެންމެ ކުރިން އޭނާ ވިއްސާފައި ތިބި ކުދިން މިހާރު ބޮޑެތިވެ އެމީހުންނަށް ދަރިން ލިބި އެ ދަރިންނަށް ދަރިން ލިބި އެމީހުންނަށް މިހާރު މާމަ ކިޔާފައި ތިބި ކަމަށް ވެސް ރަމްލާ ބުނެއެވެ. ރާއްޖޭގައި ސިއްހީ ހިދުމަތް ލިބުމުގެ ދަތިކަން ހުރި ޒަމާނެއްގައި ރަމްލާއަށް އިންސާނީ ހިދުމަތެއްގެ ގޮތުގައި އެ މަސައްކަތް ދަސްކޮށްގެން ކުރެވުމަކީ ވަރަށް އުފާވާ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއެވެ.

ރަމްލާ ހަސަން ބޭނުން ކުރި ފޫޅުމާ ފޮށި / ފޮޓޯ: ދަ ޕްރެސް

ފޫޅުމައެއްގެ އިތުރުން އެދުރު ދައިތައެއް މަދަދުގާރެއް

މިހާރު ފޫޅުމާ ކަން ނުކުރި ނަމަވެސް އަދިވެސް އޭނާގެ ކައިރިއަށް މާބަނޑު އަންހެނުން އާދެއެވެ. އެގޮތުން މާބަނޑު ކުދިންނަށް ބައެއް އުނދަގޫތައް ދިމާވެގެން އަންނަ ކަމަށާއި ބަނޑު އުނގުޅާލަދީ އެމީހުންގެ ތަކުލީފަށް ލުޔެއް ހޯދަ ދިނުމަކީ މިހާރު ވެސް ކުރަމުން އަންނަ ކަމެއް ކަމަށް ރަމްލާ ބުނެއެވެ. މީގެ އިތުރުން ވެސް އުފަންވާ ތުއްތު ކުދިން ގައިގާ ބިހި ނެގުން ނުވަތަ ދުވަނި ނަގައިގެން އައިސްފިއްޔާ އެ ކަމަށް ބޭސް ތައްޔާރު ކުރުމަކީ ވެސް އޭނާ މިހާރު ކޮށް އުޅޭ ކަމެކެވެ. އަދި ވިހައިގެން ބައެއް މީހުން ދިވެހި ބޭސް ކުރަން އަންނަ ކަމަށް ވެސް ބުނެއެވެ. އެހެންކަމުން މިހާރު ވެސް ފޫޅުމައިން ތިބެން ޖެހޭ ކަމަށް އޭނާ ގަބޫލު ކުރެއެވެ.

ފޫޅުމައެއްގެ އިތުރުން ވެސް ރަމްލާ އަކީ ކުޑަކުދިންނަށް ގުރުއާން ކިޔަވައި ދިނުމުގައި ވެސް ދުވަސްތައް ހޭދަކުރި މީހެކެވެ. އެ ގޮތުން ރަށުގައި މަދަރުސާއެއް ނުހުންނާތީ ކުޑަކުދިންނަށް އޭނާ ކިޔަވައިދެމުން ދިޔައީ ފިލާގައި ލިޔެގެންނެވެ. ރަމްލާ ކައިރިއަށް 60 އާއި 70 އާ ދެމެދުގެ އަދަދަކަށް ކުދިން ކިޔަވަން އަންނަ އިރު، ދެ އިރަކަށް ބާހަލައިގެން ކުދިންނަށް ކިޔަވައިދިނެވެ.

ހަމައެއާއެކު އިޖްތިމާއީ މަސައްކަތުގައި ވެސް ރަމްލާ ގިނަ ގުނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. ރަށުގައި އަންހެނުންގެ ކޮމިޓީ އުފެދިގެން އައި އިރު އެ ކޮމިޓީގައި ރަމްލާއަކީ އިސްވެ މަސައްކަތް ކޮށްފައިވާ ފަރާތެކެވެ. ފޫޅުމައި ކަމުގެ އިތުރުން ކުދިންނަށް އިލްމު އުނގަންނައިދިނުމާއި އިޖުތިމާއީ މަސައްކަތްތަކުގައި ރަމްލާ ކޮށް ދިން ހިދުމަތް އަދިވެސް އެ ރަށުގެ މީހުން ފާހަގަކުރެއެވެ.

އެންމެ ހިތަށް އުނދަގޫވަނީ ތުއްތު ދަރިންނާއި އާއިލާއާ ދުރަށް ދާން ޖެހޭ ވަގުތު

މި މަސައްކަތް ކުރަން ފެށިއިރު ރަމްލާގެ އެންމެ ދަރިއަކު ހުރި ނަމަވެސް ފަހުން ރަމްލާއަށް ވެސް އިތުރު ދަރިން ލިބި 9 ދަރިން މި ދުނިޔޭގައި އެބަ ތިއްބެވެ. މަސައްކަތުގައި އުޅުނު އިރު ދަރިން ވިހައިގެން އެކުދިން ތުއްތު ދުވަސްވަރު މަސައްކަތުގައި އުޅެވުނީ އޭނާގެ ފިރިމީހާގެ ފަރާތުން ލިބުނު އެއްބާރުލުމާ އެކުގައި ކަމަށް ވެސް ރަމްލާ ފާހަގަ ކުރެއެވެ.

ރަމްލާ ހަސަންގެ ފޫޅުމާ ކަމުގެ ސެޓްފިކެޓް / ފޮޓޯ: ދަ ޕްރެސް
"ރަށްރަށުން ބަލައި އައިމާ ދެން ރަށްރަށަށް ވެސް ދަނީ. ދެ އަހަރު ނުވާ ކުޑަ ދަރިފުޅު ވެސް ބާއްވާފަ ފުރައިގެން ދަނީ. ދެން އެ ހިތްދަތިކަން ވެސް އޮވޭ. ފިރިމީހާ އާއި ކުދިންކޮޅު ދޫކޮށްލާފަ ރަށްރަށުގަ ވެސް ވަރަށް ގިނަ ދުވަހު އުޅެން ޖެހޭ މާބަނޑު މީހުންގެ ކަންތަކުގަ އެ ރަށްރަށުގަ ފޫޅުމައިން ނުތިބޭތީ ބަލައި އައިމަ ދަނީ އިންސާނީ ހިދުމަތަަކަށް ވާތީ ހިތްހެޔޮ ކޮށްލާފަ ކުދިންގެ ކަންތައްތައް މާތްﷲ އާ ވަކީލުކޮށްލާފަ ފުރައިގެން ދަނީ"
ރަމްލާ ހަސަން

1982 ވަނަ އަހަރު ފޫޅުމައި ކަމުގެ ކޯސް ފުރިހަމަ ކުރުމަށް ރަމްލާ މާލެ ދިޔައެވެ. މިހާރު އޭޑީކޭ ހޮސްޕިޓަލް ހުރި ތަނުގައި އޭރު ހުރި ސިއްހީ މަރުކަޒުގައި ރަމްލާ ހަތް މަސް ދުވަސް ވަންދެން މަސައްކަތް ކޮށް ފޫޅުމާ ފޮށި ލިބުނީމަ އޭނާ ރަށަށް އެނބުރި ދިޔައެވެ. އެ ދުވަސްވަރު އޭނާ މާލެއަށް ދިޔައީ އޭރު އޭނާގެ ހަތަރު މަހަށް ދާ ދަރިފުޅު ވެސް ގޮވައިގެންނެވެ. އެހާ ތުއްތު ކުއްޖެއް ހުރުމުން އޭރު ރަމްލާއަށް ކޯސް ފުރިހަމަ ކުރަން ގޮސް އުޅުނު އިރު ރޭގަނޑު ޝިފްޓްގެ ޑިއުޓީ ނޫން ގަޑިތަކުގައި ޑިއުޓީ އަދާކުރި ކަމަށް އޭނާ ބުނެއެވެ.

ރަމްލާގެ ދަރިން ކުޑަ އިރު އެ ކުދިންނާއި ފިރިމީހާ ދޫކޮށް ފުރައިގެން ދާން ޖެހުމަކީ އޭނާގެ ހިތަށް ވަރަށް ބޮޑަށް އަސަރު ކުރި ކަމެއް ކަމަށް ރަމްލާ ފާހަގަކުރެއެވެ. ބައެއް ފަހަރު ރަށްރަށުން މާބަނޑު މީހަކަށް ފަރުވާ ދިނުމަށް ދާންޖެހޭ ހާލަތްތަކުގައި އާއިލާއާ ދުރުގައި ގިނަ ދުވަސްތަކެއް ހޭދަ ކުރަން ޖެހުމަކީ ވެސް ވަރަށް އުނދަގޫވި ކަމެއް ކަމަށް ރަމްލާ ބުނެއެވެ. އެފަދަ ހާލަތްތަކުގައި ފުރައިގެން ދަނީ މާތްﷲ އާ ވަކީލުކޮށްލާފައި ކަމަށް ރަމްލާ ބުނެއެވެ.

އެންމެ ހިތްދަތިވި ދުވަހަކީ ބަނޑަށް މަރުވެފައިވާ ދަރިފުޅު ވިއްސި ފަހުން މައިމީހާ މަރުވީމަ

އެ ޒަމާނުގައި ފޫޅުމައިން ގޮތުގައި މަސައްކަތް ކުރި މީހުން އެކުގައި އުޅެނީ އެއް އާއިލާއެއްގެ ގޮތުގައި ކަމަށާއި ގުޅިގެން މަސައްކަތް ކޮށް އުޅުމުން ވަރަށް ފަސޭހަވި ކަމަށް އޭނާ ބުނެއެވެ. ރަށުގައި މީހުން ވިއްސަން އުޅުމުގެ ތެރޭގައި ހާލު ދެރަވާ މާބަނޑު މީހުން ގޮވައިގެން ބައެއް ފަހަރު މާލެއަށް ފުރަން ޖެހިއްޖިއްޔާމުން އެ މީހުންނަށް ފުރޭނެ ގޮތް ހަމަޖައްސައިދީގެން މާލެއަށް ވެސް ދާ ކަަމަށް ރަމްލާ ބުނެއެވެ.

ހަނދާނުން ފޮހެލަން ދަތިވި ދުވަސްތައް ހިއްސާކުރަމުން ރަމްލާ ބުނީ، އޭނާގެ އުމުރުން 25 އަހަރުގައި މާބަނޑު އަންހެނުން ވިއްސަން އުޅުމުގެ ތެރޭގައި ހާލު ދެރަވާ މީހުން ގޮވައިގެން މާލެއަށް ދާން ޖެހުމުގައި ދިމާވާ ބައެއް ހާދިސާތަކަކީ ހަނދާނުން ފޮހެލެވޭނެ ދުވަސްތަކެއް ނޫން ކަމަށެވެ. ދަތުރުފަތުރު ކުރުމުގެ ހުރި ދަތިތަކާއެކު ގަދަ ވަޔާއި ވިއްސާރައިގައި ކަނޑުމަގުން ދިގު ދަތުރުކޮށްގެން މާލެއަށް ދާ އިރު މުއާސަލާތީ ނިޒާމު ނެތުމުން ވެސް ބައިވަރު ހުރަސްތަކާ ކުރިމަތިލާން ޖެހުނެވެ. މާލެއާ ހަމައަށް ގޮސް ހޮސްޕިޓަލަށް ދެވުމުން ނޫނީ ހާލު ދެރަވެގެން މީހަކު ގޮވައިގެން އަންނަ ކަން ވެސް ނޭނގޭ ކަމަށް އޭނާ ބުނެއެވެ. އަދި ބައެއް ފަހަރު އެފަދަ ދަތުރުތަކުގައި ކަނޑުމަތީގައި މީހުން ނިޔާވުމަކީ ވެސް ވަރަށް ހިތަށް އަސަރު ކުރުވާ ހާދިސާތަކެވެ.

ރަމްލާ ހަސަން މާބަނޑު އަންހެނެއްގެ ބަނޑުގައިވާ ދަރިފުޅުގެ ވިންދު ބަލަން ކަށިގަނޑު ޖައްސައިގެން / ފޮޓޯ: ދަ ޕްރެސް

މިފަދަ ހާދިސާތަކުގެ ތެރެއިން ރަމްލާއަށް ތަޖުރިބާ ކުރެވުނު ދުވަހެއް ހިއްސާކޮށްލިއެވެ. ފެރިދޫއިން މާބަނޑު މީހެއްގެ ހާލު ދެރަވެގެން އޭނާ ބަލައި އައުމުން ދިޔަ ކަމަށާއި ދިޔަ އިރު އެ މީހާ އޮތީ ލޭ ހުސްވެފައި ވިހާނެ ހަކަތަވެސް ނެތް ކަމަށް ރަމްލާ ބުނެއެވެ. އޭނާއަށް ކުރުނބާ ފެނާއި ލުނބޯ ހުތު ފެން ދީގެން ވަރުޖެހިގެން އޭނާގެ ލޯ ހުޅުވުނު އިރު ބަނޑުގައި ރިއްސަން ފެށި ކަމަށް ރަމްލާ ބުނެއެވެ. ދެން ބަނޑު ބަލާލި އިރު، ބަނޑުގައިވާ ދަރިފުޅު ވަނީ އޭރު މަރުވެފައެވެ. ކަށިގަނޑު އަޅާ ބެލި އިރު ކުއްޖާގެ ވިންދު އޭރު ނުލިބޭ ކަމަށް ރަމްލާ ބުންޏެވެ.

އެހިސާބުން ވީ އެންމެ އަވަހަކަށް އެ އަންހެންމީހާ ގޮވައިގެން މާލެ ދިއުމަށް ފުރަން ރަމްލާ އެދުނު ކަމަށާއި ނަމަަވެސް މޫސުން ގޯސްވެ ވިއްސާރަ ވުމުގެ ސަބަބުން ފުރޭ ގޮތް ހަމަނުޖެހުނެވެ. އެމީހާ ގޮވައިގެން ފުރައިގެން ދާން ދޯންޏެއް ނުލިބުމުން އެތާ ކައިރި އޮތް ރިސޯޓަކަށް ގުޅައިގެން މާލެ ގެންދެވޭނެ ގޮތް ހަމަޖެއްސޭތޯ އުޅުނު ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ.

ރަމްލާ ހަސަން / ފޮޓޯ: ދަ ޕްރެސް

ދެން ރަމްލާ އެ އަންހެން މީހާ ވިއްސި އިރު އެ އަންހެން މީހާގެ ބަނޑުގެ ތަންތަނުން ހަން ވެސް ކެނޑިފައި ހުރި ކަމަށް ރަމްލާ ބުންޏެވެ. ވިހެއީ އަންހެން ކުއްޖެއް ކަމަށާއި މަރުވެފައިވާ އެ ކުއްޖާ ހިނަވާ ވަޅުލިއެވެ. އޭރު މައިމީހާގެ ހާލު ދިޔައީ ދަށަށެވެ. އެމީހާގެ ހާލު ރަނގަޅު ކުރަން ދިޔާ އެއްޗިސް ދެމުން ދިޔަ ނަމަވެސް މާގިނަ އިރެއް ނުވެ އެ އަންހެން މީހާވެސް މި ދުނިޔެއާ ވަކިވެގެން ދިޔައީއެވެ. އެ ދުވަހުގެ ހަނދާންތަކުން ރަމްލާގެ ހިތަށް ވަރަށް ފުން އަސަރުތަކެއް ކުރިއެވެ. އޭޏާ ހަމައަކަށް އެޅެން ހަފްތާއެއްހާ ދުވަސް ނެގި ކަމަށާއި އެ ހަފްތާތެރޭ ކެއިންބުއިމާ ދުރުވި ކަމަށާއި ހަމައަށް ނިދި ވެސް ނުލިބުނު ކަމަށް ރަމްލާ ބުނެއެވެ.

65 އަހަރު ވަން ދެން ރަމްލާ އެކި މަސައްކަތް ކޮށް އުޅުމަށް ފަހު ރިޓަޔާ ވެގެން ގޭގައި ހުންނަން ޖެހުމުން މަސައްކަތެއް ނުކޮށް ހުންނަން ފޫހިވާތީ ފަންގިވިޔެ، ހަވާދު ހަދައި، މަސްމިރުސް ހަދައި، ފަތް ތެލުލުން ފަދަ މަސައްކަތްތައް ރަމްލާ އަންނަނީ މިހާރު ވެސް ކުރަމުންނެވެ. ރަމްލާ މިހާރު މި މަސައްކަތަތައް ކޮށް އުޅެނީ މަސައްކަތެއް ނުކޮށް ހުރުމުން މާ ބޮޑަށް ފޫހިވާތީއެވެ.