ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުރި މިސްކިތަކަށް ހުކުރަށް ދިޔަ ބަޔަކަށް އަމާޒުކޮށް ޖާނުން ފިދާވެ ދިން ހަމަލާއެއްގެ ބަދަލު ހިފަން ޕާކިސްތާނުން އަފްގާނިސްތާނަށް ހަމަލާ ދީފިއެވެ.

އަފްގާނިސްތާނާއި ޕާކިސްތާން ގުޅޭ ބޯޑަރު ސަރަހައްދުގެ ސިޓީއެއް ކަމަށް ވާ ނަންގަހާރުގެ މަގާމަކަށް އަމާޒުކޮށް ޕާކިސްތާނުން ދިން ހަމަލާ އަރާފައިވަނީ ސްކޫލަކަށާއި އާންމުން ދިރިއުޅޭ ގެތަކަކަށް ކަމަށް އަފްގާނިސްތާނުގެ ދިފާއީ ވުޒާރާއާ ހަވަލާދީ ހަބަރުތައް ބުނެއެވެ.

ޕާކިސްތާނުން ބުނެފައިވަނީ މި ހަމަލާ ދިނީ، ޓެރަރިސްޓުން ފިލާ ތިބި މަގާމުތަކަކަށެވެ. އަދި ހަމަލާ ދީފައިވަނީ އިންޓެލިޖެންސް މައުލޫމާތުގެ އަލީގައި ކަމަށްވެސް ބުނެފައި ވެއެވެ.

މި ހަމަލާގައި 17 މީހަކު މަރުވި ކަމަށް އަފްގާނުގެ އިދާރާތަކުން ބުނެފައި ވާއިރު އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމަށް ވެސް ބުނެފައި ވެއެވެ.

ޕާކިސްތާނުން އަފްގާނިސްތާނަށް މި ހަމަލާއަކީ ނިމިދިޔަ އަހަރުގެ އޮކްޓޯބަރުގައި ދެގައުމުގެ ދެމެދުގައި ބޯޑަރު ސަރަހައްދުގައި ވަރުގަދަ ހަމަލާތަކެއް ބަދަލުކުރި ފަހުން ދިން މިފަދަ ފުރަތަމަ ހަމަލާއެވެ.

ޕާކިސްތާނުން ބުނެފައިވަނީ، ޕާކިސްތާނުގެ ތޯލިބާނުން ނުވަތަ ތާރީކޭ ތޯލިބާން (ޓީޓީޕީ)ގެ މެންބަރުން ފިލާތިބި 7 ކޭމްޕެއްގެ މައުލޫމާތު އިނގޭ ކަމަށާއި ހަމަލާތައް އަމާޒު ކުރި ތަންތަނުގެ ތެރޭގައި ހިމެނެނީ އެމީހުން ތިބި މަގާމުތައް ކަމަށެވެ.

އަދި ދާދި ފަހުން އިސްލާމްއާބާދަށާއި ހުޅަނގު އުތުރު ބިތުގެ ބަޖައުރު އަދި ބަންނޫ ޑިސްޓްރިކްޓަށް ދިން ޓެރަރިސްޓް ހަމަލާތައް ދީފައި ވަނީ، އެ ޖަމާއަތުގެ ބައިވެރިވުމާއެކު އަފްގާނިސްތާނުގައި ތިބި އެ ޖަމާއަތުގެ ލީޑަޝިޕްގެ އެހީގައި ކަމަށެވެ.

އަދި މިކަން މިގޮތަށް ހިނގަމުންދާތީ އާއި އަފްގާނިސްތާނުގެ އިމުގެ ތެރޭގައި ހަރަކާތްތެރިވެ ޕާކިސްތާނަށް ހަމަލާތައް ދެމުން ގެންދާތީ، އެ ގްރޫޕުތައް ހުއްޓޫވައި ދިނުމަށް ކާބުލްގެ ސަރުކާރުގައި އެދިފައި ވީ ނަމަވެސް އެމީހުނަށް އެކަން ހުއްޓުވިފައި ނުވާ ކަމަށް ވެސް ޕާކިސްތާނުން ބުނެއެވެ.

މީގެ އިތުރުން ސަރަހައްދުގައި ސުލްހަމަސަލަސްކަން ގާއިމުކޮށް ދެމެހެއްޓުމަކީ ޕާކިސްތާނުން އަބަދުވެސް މަސައްކަތް ކުރާ ކަމެއް ކަމަށާއި ނަމަވެސް އެންމެ އިސްވާނީ ޕާކިސްތާނުގެ ރައްޔިތުންގެ ސަލަމާތާއި ރައްކާތެރިކަން ކަމަށް ވެސް ބުނެފައި ވެއެވެ.

ޕާކިސްތާނުން އަފްގާނިސްތާނަށް ހަމަލާ ދިނުމުގެ ކުރިން ހައިބާރު ޕަހުތުންހުވާގެ ބަންނޫ ޑިސްޓްރިކްޓުގައި ޖާނުންފިދާވެ ހަމަލާއެއް ދީ ސިފައިންގެ 2 މީހަކު މަރާލައިފައި ވެއެވެ. އޭގެ ކުރިން މިދިޔަ ހޯމަ ދުވަހު، ގޮވާ ތަކެތިން ބަރުކޮށްފައި ވާ ވެހިކަލެއްގައި ގޮސް ސެކިއުރިޓީ ޕޯސްޓެއްގައި ޖައްސާ ގޮއްވާލައިގެން ދިން ހަމަލާއެއްގައި ވަނީ 11 މީހަކު މަރުވެފައެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުވެސް މިފަދަ ޓެރަރިސްޓް ހަމަލާއެއް ދީފައި ވެއެވެ. 31 މީހަކު މަރާލައި 170 މީހަކު ޒަހަމް ކޮށްލި އެ ހަމަލާ ދީފައި ވަނީ، އިސްލާމްއާބާދުގެ ތަރްލައި ކަލާން ސަރަހައްދުގައި ހުންނަ ޚަދީޖާ ތުލް ކުބްރާ މިސްކިތަށް ހުކުރަށް ގޮސް ތިބި މީހުނަށް އަމާޒު ކޮށެވެ.