ކެބިނެޓްގެ މިނިސްޓަރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިންނާ އެކު ރައްޔިތުންގެ ދަރުބާރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަންނަވާ އިރު ސަރުކާރު ޖަވާބުދާރީ ކުރުވަން އެހެން ބަޔަަކަށް ނުޖެހޭނެ ކަމަށް ރައީސް އޮފީހުގެ ޕްރެސިޑެންޝަލް އެފެއާސްގެ މިނިސްޓަރު އަލީ އާރިފް ވިދާޅުވެއްޖެއެވެ.
އާރިފް މިހެން ވިދާޅުވީ، އިދިކޮޅު ސީޔާސީ ފަރާތްތަކުން މި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ދިނުމަށް ގޮވާލަމުން ދިއުމާ ގުޅިގެންނެވެ.
އާރިފް ވިދާޅުވީ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ވޯޓު ދިނުމަށް އިދިކޮޅުން ބުނަމުން ދިޔަ ކަމުގައި ވީ ނަމަވެސް އެހެންބަޔަކު ސަރުކާރު ޖަވާބު ދާރީ ކުރުވަން ނުޖެހޭނެ ކަމަށެވެ. އެހެންބަޔަކު ސަރުކާރު ޖަވާބުދާރީ ކުރުވާތޯ ބައްލަވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޑު ނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ރަށްރަށް ކުރައްވާ ދަތުރުފުޅުތަކަށް އަލިއަޅުއްވާލައްވަމުން އާރިފް ވިދާޅުވީ، އެމަނިކުފާނު އެ ވަޑައިގަންނަވަނީ ކެބިނެޓްގެ ވަޒީރުންނާއި ސަރުކާރު ކުންފުނިތައް ހިންގުމާ ހަވާލުވެ ހުންނެވި ބޭފުޅުންނާ އެކުގައި ކަމަށެވެ. ސަރުކާރު ޖަވާބު ދާރީ ކުރުވަނީ އެ ބޭފުޅުންނާއެކު ރާއްޖޭގެ ހުރިހާ ރައްޔިތުން ގާތަށް ވަޑައިގަތް، ރައްޔިތުންގެ ދަރުބާރުގައި ދައްކަވާ އެމަނިކުފާނުގެ އަމަލުފުޅުން ކަަމަށް އާރިފް ވިދާޅުވިއެވެ.
މިހާރު ވެސް ސިލްސިލާ ގޮތެއްގައި ރައްޔިތުންގެ އެކި ފަންތީގެ އެކި ގިންތީގެ މީހުންގެ ގާތަށް ރައީސް އަމިއްލަފުޅަށް ވަޑައިގެން ޖަވާބުދެއްވަމުން ގެންދަވާ ކަމަށާއި މަދު މީސްކޮޅެއްގެ ގާތަށް ވަޑައިގަތުމުގެ ބަދަލުގައި ރައީސް ވަޑައިގަންނަވާނީ ސީދާ ރައްޔިތުންގެ ދަރުބާރަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ފަރާތްތަކުން މިހާރު ފޯރިއާ އެކު ކެމްޕެއިން ހަރަކާތްތައް ފައްޓައިގެން ކުރިއަށް ގެންދަމުން އަންނަ އިރު، އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށް ބުނަމުންނެވެ. އެ ގޮތުން ސަރުކާރަށް ތުހުމަތުތައް ކޮށް ކަންކަން ރަނގަޅު ކުރުމށް މަސައްކަތް ކުރެވޭނީ އިދިކޮޅަށް ވޯޓު ދީގެން ކަމަށް އެ ފަރާތްތަކުން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ.
އިދިކޮޅުން މިހެން ބުނަމުން އަންނަ އިރު ސަރުކާރު ހިންގާ ޕީއެންސީން ކުރިއަށް ގެންދާ ކެމްޕެއިން ހަރަކާތްތަކުގައި ބުނަމުން އަންނަނީ ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުތައް ތަންފީޒު ކުރުމަށް ފަސޭހަ ވެގެން ދާނީ ސަރުކާރާ އެއްކޮޅަށް ތިބި އަދި ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކުރާ ކެންޑިޑޭޓުން ކައުންސިލްތަކަށް ނެގިގެން ކަމަށެވެ.
