މަގާމުގެ ނުފޫޒު ބޭނުންކޮށް، ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދި މައްސަލައިގައި ހައްޔަރުކުރި އިމިގްރޭޝަންގެ އޮފިސަރު އިބްރާހިމް އަހުމަދުގެ މައްޗަށް 11 މަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
ދައުލަތުން އިބްރާހިމްގެ މައްޗަށް ކުރީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އާއި ފޭރުމުގެ ދައުވާ އަދި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާއެވެ.
މި މައްސަލައިގެ ޝަރީއަތް ފަށާ އަޑުއެހުންތައް ކުރިއަށް ދަނިކޮށް އިބްރާހީމް އަހުމަދު ވަނީ ކުށަށް އިއުތިރާފުވެ ދައުލަތާ އެކު އެއްބަސްވުމެއް ހަދާފައެވެ. މި އެއްބަސްވުން ބަލައިގަނެ، ކްރިމިނަލް ކޯޓުން ވަނީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި މިދިޔަ ހަފުތާގައި ތިން ދައުވާގެ މައްސަލަވެސް ކުރިއަށް ގެންގޮސްފައެވެ.
އެގޮތުން އިއުތިރާފުގެ މައްޗަށް ރިއާޔަތްކޮށް، އިބްރާހިމް އަހުމަދު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅާ އޭނާގެ މައްޗަށް ކުރާ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއާ ގުޅިގެން އިއްވާފައިވަނީ، ދައުލަތާ އެކު އެއްބަސްވެފައިވާ ގޮތަށް، އެއް އަހަރާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް، އެ އަދަބުގެ ތެރެއިން ދެ މަސް ދުވަހަކީ ޖަލު އަދަބުގެ ގޮތުގައި ކަނޑައަޅައި، ބާކީ ބައި ޖޫރިމަނާއަކަށް ބަދަލުކޮށް، ޖޫރިމަނާގެ ގޮތުގައި 62،400 ރުފިޔާ ދެއްކުމަށް ވަނީ ހުކުމްކޮށްފައެވެ.
ފޭރުމުގެ ދައުވާއާ ގުޅިގެން އިއްވާފައިވަނީ ދެ އަހަރާއި 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އެ އަދަބުގެ 7 މަސް ދުވަހުގެ ޖަލު އަދަބުގެ ގޮތުގައި ކަނޑައަޅައި، ބާކީ ބައި ޖޫރިމަނާއަށް ވަނީ ބަދަލުކޮށްފައެވެ. އެގޮތުން ޖޫރިމަނާގެ ގޮތުގައި 130،800 ރުފިޔާ ކަނޑައަޅާ އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި، ބިދޭސީ މީހާއަށް 50،000 ރުފިޔާ ދޭން ވަނީ ހުކުމްކޮށްފައެވެ.
މީގެ އިތުރުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާއާ ގުޅިގެން އިބްރާހިމްގެ މައްޗަށް އެއް އަހަރާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު އެ ހުކުމްގެ ތެރެއިން ދެ މަހަކީ ޖަލު އަދަބު ކަމަށް ކަނޑައަޅައި، ބާކީ ބައި ޖޫރިމަނާއަށް ވަނީ ބަދަލުކޮށްފައެވެ. އެ ގޮތުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅީ 62،400 ރުފިޔާއެވެ. އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި ބިދޭސީއަކަށް 3،500 ޑޮލަރު ދޭން ވެސް ވަނީ ހުކުމްކޮށްފައެވެ.
