ރާއްޖޭގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާ ބެހޭ 2 ވަނަ ގައުމީ ފޯރަމް ކާމިޔާބު ކަމާ އެކީ ނިންމާލައިފިއެވެ.
ބަނޑޮސް އައިލެންޑް ރިސޯޓްގައި މި މަހުގެ 3 އިން 5 އަށް ބޭއްވި މި ފޯރަމްގައި ދިވެހިރާއްޖޭގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބެލެހެއްޓުމަށް ހަރަކާތްތެރިވާ ފަރާތްތަކާއި އަދި ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ހިމެނޭ ރަށްތަކުގެ ކައުންސިލުތަކުން ބައިވެރިވެފައި ވެއެވެ. މީގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ އެންޖީއޯތަކާއި ބައިނަލްއަގްވާމީ ތަޖުރިބާކާރުންނާއި އެހެނިހެން ގައުމުތަކުގެ ޑެލިގޭޓުން ހިމެނޭ ގޮތަށް، ޖުމްލަ 100 އަށްވުރެ ގިނަ ފަރާތްތަކުން މި ފޯރަމްގައި ބައިވެރިވެފައި ވެއެވެ.
މި ފޯރަމް ކުރިއަށް ގެންދިޔައީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އާއި، އިނގިރޭސި ވިލާތުގެ އޯޝަން ކަންޓްރީ ޕާޓްނާޝިޕް ޕްރޮގްރާމް (އޯސީޕީޕީ) އާއި، އިންޓަނޭޝަނަލް ޔޫނިއަން ފޮ ކޮންޒާވޭޝަން އޮފް ނޭޗާ (އައިޔޫސީއެން) އާއި އަދި މޯލްޑިވްސް ރެޒިލިއަންޓް ރީފްސް (އެމްއާރްއާރް) ގުޅިގެންނެވެ.
މި ފޯރަމްގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާ ބެހޭގޮތުން ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާސިޓީ އިން އެކުލަވާލައިފައިވާ ކުންމިން މޮންޓްރިއަލް ގްލޯބަލް ބަޔޯޑައިވާސިޓީ ފްރޭމްވޯކްގެ 30x30 ލަނޑުދަނޑި އަށް ވާސިލުވުމަށްޓަކައި ދިވެހިރާއްޖެ އިން އެކުލަވާލަމުންދާ ރޯޑްމެޕް ތަންފީޒު ކުރާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެވުނެވެ. އަދި ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް މެނޭޖްކޮށް ބެލެހެއްޓުމާއި، އެތަންތަނުން ތިމާވެއްޓަށާއި އާއްމުންނަށް އެންމެ އެކަށޭނަ ގޮތަކަށް ފައިދާ ލިބޭނެ ގޮތަކަށް މަސައްކަތްތައް މުސްތަގުބަލުގައި ކުރިއަށް ގެންދާނެ ގޮތްތަކާބެހޭ ގޮތުން މަޝްވަރާ ކުރެވުނެވެ.
މީގެއިތުރުން މިހާރު ހިމާޔަތް ކޮށްފައިވާ ތަންތަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާ ތަމްރީނާއި އަދި އެތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ބޭނުންވާ މާލީ އެހީތެރިކަމާއި އާއްމުންގެ އެއްބާރުލުން ހޯދާނެ ގޮތްތަކާބެހޭ ގޮތުންވެސް މަޝްވަރާ ކޮށްފައި ވެއެވެ. އަދި ފޯރަމްގެ ބައިވެރިންގެ ފަރާތުން، ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބަލަހައްޓައި ދެމެހެއްޓެނިވި ގޮތުގައި ބޭނުން ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަޖުރިބާ ހިއްސާކޮށްފައި ވެއެވެ.
3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ފޯރަމް ނިންމާލުމުގެ ރަސްމިއްޔާތުގައި ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިޔާ (ސަންޕާ) މެނޭޖްކޮށް ބެލެހެއްޓުމަށް، ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ވެދިން އެހީތެރިކަން ފާހަގަކޮށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް ބީއެމްއެލައަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މި ފޯރަމް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމުގައި އެހީތެރިވެދެއްވި ފަރާތްތައް ކަމުގައިވާ އޯސީޕީޕީ، އައިޔޫސީއެން، އެމްއާރްއާރް އަށާއި އަދި މި ފޯރަމްގެ އެންމެހާ ބައިވެރިންނަށް ވެސް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.
