ތިލަފުށީގައި ތަރައްގީކުރާ ވިޔަފާރި ބަނދަރުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ޗައިނާގެ ހާބަރ އިންޖިނިއަރިން ކޮމްޕެނީއާ ހަވާލުކޮށްފިއެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ރިޝްވާނެވެ. އަދި ޗައިނާ ހާބަރ އިންޖިނިއަރިންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ކަންޓްރީ މެނޭޖަރު މިސްޓަރް މާއޯ ބާއޯއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރިޝްވާން ވިދާޅުވީ މިއީ ތާރީހީ ދުވަހެއް ކަމަށެވެ. އަދި ރައީސް ވިދާޅުވި ފަދައިން މިއަދަކީ ރާއްޖޭގެ ވިޔަފާރި އާއި އިގްތިސާދީ ދާއިރާއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. މިއީ ވޭތުވެދިޔަ 40 އަހަރު ދުވަހު އެމްޕީއެލް އިން ދެކެމުން އައި އުންމީދެއް ކަމަށްވެސް ރިޝްވާން ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދަށުން މިހާރު އޮތް 5 ހެކްޓަރުގެ ޕޯޓު، 20 ހެކްޓަރަށް ބަދަލުވެގެންދާނެ ކަމަށް އެމްޕީއެލުން ބުނެފައިވެއެވެ. އަދި މި މަޝްރޫއުގެ ދަށުން 650 މީޓަރުގެ ކީ ވޯލް އަކާއި، 125 މީޓަރުގެ މަގަތު ފާލަމެއްގެ އިތުރުން އެކްސް-ރޭ ފެސިލިޓީއާއި، އޮޓޮމޭޓެޑް ވަސީލަތްތަކާއި ބޮންޑަޑް ވެއާހައުސްއެއް ގާއިމްކުރެވޭނެ ކަމަށްވެސް އެ ކުންފުނިން މައުލޫމާތުދެއެވެ.
އާ ބަނދަރުގެ މަސައްކަތް ނިމުމުން، މުދާ ކްލިއަރ ކުރުމަށް މިހާރު ހޭދަވާ 5 ދުވަސް 48 ގަޑިއިރަށް ކުރުވެގެންދާނެ ކަމަށް އެމްޕީއެލް އިން ލަފާކުރެއެވެ. މިއީ ކުރިއަށް އޮތް 30 އަހަރަށް އަމާޒުކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރިތަކަށް ފަސޭހަވާނެހެން ފަރުމާކުރެވޭ ބަނދަރެކެވެ.
މާލޭގެ ވިޔަފާރި ބަނދަރު އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ތިލަފުއްޓަށް ބަދަލުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ވަނީ ވިދާޅުވެފައެވެ.
