ޕާކިސްތާނުގެ ބަލޫޗިސްތާން ޕްރޮވިންސްގައި ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ދިން މި ހަމަލާއާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ޓެރަރިޒަމްގެ ކޮންމެ އަމަލަކީވެސް އިންސާނިއްޔަތާ ޚިލާފު، ދަށު ދަރަޖައިގެ އަމަލެއް ކަމަށް ސިފަކޮށްފައެވެ.
އަދި ހަރުކަށި ފިކުރާއި، ޓެރަރިޒަމްގެ އެންމެހައި އަމަލުތަކާ ދެކޮޅަށް ރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު އޮންނާނެ ކަމަށާއި، ކޮންމެ ސިފައެއްގައި އަދި ކޮންމެ މަގުސަދެއްގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކާ ދިވެހިރާއްޖެއިން ދެކޮޅު ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ހިތާމަވެރި ދަނޑިވަޅުގައި، ހަމަލާގައި ފުރާނަ ގެއްލުނު މީހުންގެ އާއިލާތަކަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ވަނީ ފުން ތައުޒިޔާއެއް ފޮނުވާފައެވެ. އަދި ޕާކިސްތާނުގެ ސަރުކާރާއި އެކުވެރި ރައްޔިތުންނާއެކު ދިވެހިރާއްޖެ ސާބިތުކަމާއެކު އޮތްކަން ހާމަކޮށް، މި ހަމަލާގައި އަނިޔާވި މީހުންނަށް އަވަސް އަދި ފުރިހަމަ ޝިފާއަކަށް ދިވެހި ސަރުކާރުން ވަނީ އެދިފައެވެ.
ޕާކިސްތާނަށް ދިން މި ހަމަލާ ވަނީ ބޭން ކޮށްފައިވާ ވަކިވެގެންވާ ޖަމާއަތް ބަލޫޗް ލިބަރޭޝަން އާމީ (ބީއެލްއޭ) އިން މިއަދުގެ ހަމަލާތަކުގެ ޒިންމާ ނަގާފައެވެ. އެއީ އެ އަވަށަށް އެއްފަހަރާ ހަމަލާތައް ދީފައިވާ ކަމަށް ބުނެއެވެ. ބަލޫޗިސްތާނުގައި ހިނގި މި ހަމަލާތަކުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 145 އަށް އަރާފައިވާ ކަމަށް ބޭރުގެ ރިޕޯޓުތައް ބުނެއެވެ.
އެ ހަމަލާތައް ދީފައިވަނީ އީރާނާއި އަފްޣާނިސްތާނާ އިންވެގެން އޮންނަ ބަލޫޗިސްތާނުގައި 41 ހަނގުރާމަވެރިން މަރާލި ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނިތާ އެއް ދުވަސް ފަހުންނެވެ.
ފާއިތުވި ދިހަ އަހަރު ތެރޭ ބަލޫޗިސްތާން ޕްރޮވިންސްގައި ބަލޫޗް ނަސްލުގެ ވަކިވެގަތުމުގެ ޖަމާއަތްތަކާއި އެހެނިހެން ހަނގުރާމަވެރި ގްރޫޕްތަކުން ވަނީ އެކި ވައްތަރުގެ ހަމަލާތައް ސަރުކާރާ ދެކޮޅަށް ދެމުން ގެންގޮސްފައެވެ. މި ޕްރޮވިންސްއަކީ އީރާނާއި ޕާކިސްތާނާ ދެމެދު އޮންނަ މައުދަން މުއްސަނދި ސަރަހައްދެކެވެ.
