ރޯދަ ހަދިޔާގެ ގޮތުގައި މިހާތަނަށް 26،000 އަށްވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފައިވާ ކަމަށް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަަށްދާ ކަމަށެވެ. އަދި ރޭގެ ނިޔަލަށް މުޅި ޖުމްލަ 26,739 މަސްދަޅު ކޭސް މާލެއިން އެކަނިވެސް ދޫކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި މަހުގެ 11 ގެ ނިޔަލަށް މާލޭގައި މިހާރު ދޫކުރާ ތަންތަނުން ރޯދަ ހަދިޔާ ދޫކުރަމުން ގެންދާނެ ކަމަށް ވެސް މިނިސްޓަރު ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.
ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ، ލޯކަލް ގަވަމަންޓު މިނިސްޓްރީއާއި ކައުންސިލްތަކާއި، އެމްއެންޑީއެފް، އެޗްޑީސީ ފަދަ އެކި އިދާރާތައް ގުޅިގެންނެވެ. މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބަހަން ފެށީ، މިމަހުގެ 24 ވަނަ ދުވަހުއެވެ.
މަސްދަޅު ކޭސްތައް ބެހުމަށް އަތޮޅުތަކަށް ފޮނުވާފައިވަނީ، މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. އަދި މި މަސައްކަތުގެ ދަށުން އުތުރުގެ ބައެއް ރަށްތަކުގައި މިހާރު ވަނީ މަސްދަޅު ކޭސް ބަހައި ނިންމާފައެވެ.
