އަމާޒަކީ ސަރުކާރުން ރަމަޟާން މަހުގެ ހަދިޔާގެ ގޮތުގައި ބަހާ، މަސްދަޅު ކޭސްތައް މި ފެށޭ ފެބްރުއަރީ މަހުގެ ފުރަތަމަ ދެ ހަފުތާ ތެރޭގައި ބަހާ ނިންމާލުންކަމަށް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވާކްސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

މަސްދަޅު ބެހުމުގެ ކަންތައްތައް ކުރިއަށް ދާ ގޮތުގެ މައުލޫމާތު ޕީއެސްއެމްއަށް ދެއްވަމުން އާދަމް ޝަރީފް ވިދާޅުވީ މިދިޔަ އަހަރުގެ ތަޖުރިބާއަށް ބަލައި، ރޯދަ ހަދިޔާގެ ގޮތުގައި ބަހާ މަސްދަޅު ކޭސްތައް ތައްޔާރުކުރުމުގެ މަސައްކަތް މިފްކޯއިން ދުރާލާ ނިންމާފައިވާ ކަމަށެވެ. އަދި އެމްޕީއެލް އާއި ގުޅިގެން މަސްދަޅު ކޭސް ރާއްޖޭގެ ހުރިހާ ރަށަކަށް ފޮނުވުމުގެ މަސައްކަތްކުރަމުން އަންނައިރު އާދަމް ޝަރީފް ވިދާޅުވީ މި މަސައްކަތްކުރިއަށް ދަނީ ގައުމީ މަސައްކަތެއްގެ ގޮތުގައި ކަމަށެވެ.

މިވަގުތު މާލޭގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް މަސްދަޅު ކޭސްގެ ސްޓޮކް ހުންނާނެކަން ހާމަކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ މި ހަފުތާ ނިމެންވާއިރަށް ހުރިހާ ރަށެއްގައިވެސް މަސްދަޅު ކޭސް ބަހަން ފަށާނެ ކަމަށެވެ. އަދި އަންނަ ފެބްރުއަރީ މަހުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި މަސްދަޅު ކޭސްތައް އެއްކޮށް ބަހާ ނިންމާލެވޭނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ރޯދަ ހަދިޔާގެ ގޮތުގައި މިފަހަރު ޖުމްލަ 118،673 ގޭބިސީއަށް މަސްދަޅު ކޭސް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ހިމެނެނީ އަތޮޅުތަކުގެ 56،918 ގޭބިސީ އާއި މާލެ ސަރަހައްދުގެ 61،755 ގޭބިސީއެވެ.