ތައުލީމީ ދާއިރާގައި 34 އަހަރު ހޭދަކުރައްވާފައިވާ އަމީނިއްޔާ ސްކޫލުގެ ދިވެހި ޓީޗަރު، އާމިނަތު ހަސަން (އައިންތު މިސް) ނިޔާވި ހަބަރާއެކު މުޅި ސޯޝަލް މީޑިއާ ފުރާލީ ތައުޒިޔާގެ މެސެޖުތަކާއި، އައިންތު މިސްގެ ހިތް ހެޔޮކަމާއި އަދި އަގު ނުކުރެވޭނެ ހިދުމަތުގެ ވާހަކައިންނެވެ.

މީގެ ދޮޅު އަހަރެއްހާކުރިން، ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަން ފެއްޓެވި އާއިންތު މިސް ނިޔާވީ މިއަދު ހެނދުނު އައިޖީއެމްއެޗްގައެވެ. ނިޔާވިއިރު އޭނާގެ އުމުރަކީ 58 އެކެވެ.

އައިންތު މިސްއަކީ ދިވެހި މާއްދާއިން ޑިގުރީ ހާސިލުކުރެއްވި ފުރަތަމަ ބެޗުން ދަސްވެނިވެވަޑައިގެން ބޭފުޅެކެވެ. އައިންތު މިސް، އެންމެ ގިނަ ދުވަހު މަސައްކަތްކުރެއްވީ އަމީނިއްޔާ ސްކޫލުގައެވެ. އައިންތު މިސްގެ ކިޔަވައިދިނުމުގެ ބިންގާ އެޅިގެން ދިޔަ އަމީނިއްޔާ ސްކޫލުގައި 23 އަހަރު މަސައްކަތް ކުރެއްވިއެވެ.

މީގެ އިތުރުން 2014 ވަނަ އަހަރު މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުކަންވެސް ކުރެއްވި އައިންތު މިސްވަނީ 2018 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަންގެ މެންބަރުކަންވެސް ކުރައްވާފައެވެ. އަދި އެ ކޮމިޝަން އުވާލުމާ ގުޅިގެން މަޖީދިއްޔާ ސްކޫލުގެ ދިވެހި ޓީޗަރަކަށްވެސް އުޅުއްވި އައިންތު މިސްވަނީ ފަހުން އަނެއްކާވެސް އަމީިނިއްޔާ ސްކޫލާ ގުޅިވަޑައިގެންފައެވެ. އޭނާ ނިޔާވި އިރުވެސް ހުންނެވީ އަމީނިއްޔާ ސްކޫލުގެ މުދައްރިސެއްގެ ގޮތުގައެވެ.

އައިންތު މިސް ނިޔާވުމާއި ގުޅިގެން، އެކުގައި މަސައްކަތްކުރެއްވި ޓީޗަރުންނާއި، ދަރިވަރުން ތައުޒިޔާ ކިޔަމުން އަންނައިރު އެންމެންވެސް ވަނީ އައިންތު މިސްއަކީ އެންމެންނާ ވެސް ވަރަށް ގުޅޭ، ވަރަށް ހިތްހެޔޮ، އަދި ވަރަށް މަސައްކަތަށް ފަރުވާތެރި މުދައްރިސެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި އައިންތު މިސްއާއި އެކު މަސައްކަތްކުރި ގިނަ ބަޔަކު ވަނީ އެއީ އެކުވެރިކަމުގެ ގުޅުން ދެމެހެއްޓުމަށް މަސައްކަތްކުރެއްވި، ރަނގަޅު އެކުވެރިއެއްގެ ގޮތުގައި ސިފަކޮށްފައެވެ.

އާއިންތު މިސްގެ ކަށު ނަމާދު އޮންނާނީ މިއަދު އަސްރު ނަމާދަށްފަހު، ހުޅުމާލެ ސަހަރާ މިސްކިތުގައެވެ.